ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު ދެ މާކެޓް ކަމަށްވާ ޗައިނާ އާއި އިޓަލީން އަންނަ މަސް ނިމުމުގެ ކުރިން ރާއްޖެއަށް ފްލައިޓް ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރެފައިވާ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ބަޔާންކުރާ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް މިއަހަރުގެ ތެރޭގައި ދަތުރުތައް ފަށަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި "ޗައިނާ ސަދަން އެއާލައިންސް" އަދި އިޓަލީގެ ލެއިޝާ އެއާލައިން، ނިއޯސް ހިމެނެ އެވެ.

އެ ދެ އެއާލައިންގެ ދަތުރުތައް ފަށާނެ ކަމަށް ރިޕޯޓްގައި ބުނެފައިވަނީ މިމަސް ނިމުމުގެ ކުރިން ނުވަތަ އަންނަ މަހުގެ ތެރޭގަ އެވެ. އަދި މިއީ ޝެޑިއުލް ދަތުރުތަކެއް ކަމެއް ނުވަތަ ޓޫރިޒަމްގެ ހައި ސީޒަންއާ ދިމާކޮށް ބާއްވާ ފްލައިޓްތަކެއް ކަމެއް އަދި ނޭނގެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، މި މަސް ނިމުމުގެ ކުރިން ނުވަތަ އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އިތުރު އެއާލައިންތަކެއްގެ ދަތުރުތައް ފަށާނެ އެވެ. އޭގެ ތެރޭގައި އޮސްޓްރިއާގެ އޮސްޓްރިއަން އެއާލައިންސް، ޖަރުމަނުގެ ލުފްތަންސާ، ދުބާއީގެ ފްލައި ދުބާއީ، ބަހްރެއިންގެ ގަލްފް އެއާ، އިންޑިއާގެ ގޯ އެއާ، ރަޝިއާގެ ނޯޑްވިންޑް އަދި އެގައުމުގެ ޝާޓަރު އެއާލައިން އަޒުރް އެއާ ހިމެނެ އެވެ.

މި އެއާލައިންތަކުގެ ތެރެއިން ގޯ އެއާގެ ދަތުރުތައް އަންނަ މަހުގެ އެކެއްގައި ފަށަން ނިންމާފައިވާއިރު ލުފްތަންސާ، ނޯޑްވިންޑް އަދި ފްލައި ދުބާއީގެ ދަތުރުތައް މިމަހުގެ 27 ވަނަ ދުވަހު ފަށަން ވަނީ ނިންމައިފަ އެވެ. އަދި އޮސްޓްރިއަން އެއާލައިންސްގެ ދަތުރުތައް މިމަހު 25 ގައި ފަށާނެ ކަމަށް އެމްއޭސީއެލުން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެއީ ސީޒަނަލް ފްލައިޓެކެވެ.

ރާއްޖެއަށް މިހާރު ދަތުރުކުރަމުން އަންނަނީ 11 އެއާލައިނަކުންނެވެ. އެއީ ރަޝިއާގެ އޭރޯފްލޮޓް، އިންޑިއާގެ އިންޑިގޯ އާއި އެއާ އިންޑިއާ އަދި ސްޕައިސް ޖެޓް، ދުބާއީގެ އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް، ގަތަރުގެ ގަތަރު އެއާވޭސް، ތުރުކީގެ ޓާކިސް އެއާލައިންސްގެ އިތުރުން ސްރީލަންކާގެ ސްރީލަންކަން، އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް އަދި ސްވިޒަލެންޑްގެ އެޑެލްވެއިސް އެއާ ހިމެނެ އެވެ.