އައިޖީއެމްއެޗާ ދިމާ ބޭރު މޫދު ތެރެއިން މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން ދާދި ދެންމެ ބުނީ، އައިޖީއެމްއެޗާ ދިމާ ބޭރު މޫދު ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.

"މަރުވެފައި އޮއްވައި ފެނިފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް. އެމީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި." ފުލުހުން ބުންޏެވެ.

މަރުވެފައިވާ މީހާގެ ހަށިގަނޑާ ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ. އެހެން ކަމުން އެއީ ގިނަ ދުވަސްވެފައިވާ ހަށިގަނޑެއް ކަމެއް ނުވަތަ ހަށިގަނޑުގައި އެއްވެސް ކަހަލަ އަނިޔާއެއް ހުރިކަމެއް ވެސް ނޭނގެ އެވެ.

މަރުވެފައިވާ މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ހުރިތޯ ސުވާލު ކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބަލަމުން އަންނަ ކަމަކަށް ވާތީ އެކަން އަދި ވިދާޅުވެދެއްވެން ނެތް ކަމަށެވެ. ހަށިގަނޑު ތާޒާތޯ ނުވަތަ ދުވަސްވެފައި ވޭތޯ ދެންނެވުމުން ވެސް ވިދާޅުވީ ވިދާޅުވެވެން ނެތް ކަމަށެވެ.