ހެލްތު މިނިސްޓަރު ކަމަށް ހ. ހިކިފިނިފެންމާގެ، އަހުމަދު ނަސީމް އައްޔަން ކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށް ވިދާޅުވެ އެ ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.

ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަދު ވަނީ ނަސީމް އެ މަގާމަށް އައްޔަން ކުރައްވައި ފަތްކޮޅު އަރުވައިފައެވެ.

ރައީސްގެ ނިންމެވުމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި އަދި ތަޖުރިބާ ހުރި ބޭފުޅެއް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ރައީސް ސޯލިހުގެ ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށެވެ.

""އަޅުގަނޑަށް ޔަގީން މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެކަން،" ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އިރު، އޭނާ ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައެވެ. ނަސީމަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.

ނަސީމް ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަންވެސް ކުރައްވައިފައެވެ. އަދި ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ނަސީމް މަސައްކަތް ކުރައްވާފައިވާ އިރު، އޭނާއަކީ ރާއްޖެއަށް ފަތުރުވެރިން ތައާރަފުކުރުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ހެލްތު މިނިސްޓަރުގެ މަގާމު ހުސްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުފާ ދެއްވާފައިވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ.

އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އަމީންއާއެކު އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

ޕީޖީގެ މި ނިންމުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 24 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދައިފައެވެ. އަމީން އިސްތިއުފާ ދެއްވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.