ޖުޑިޝަލް ސާވިސް ކޮޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރެއްގެ މައްސަލަ ބަލަމުން ދަނިކޮށް، ނުވަތަ މައްސަލަ ބަލައި، ވަކިކުރަން މަޖިލީހަށް ފޮނުވާފައިވަނިކޮށް، އިސްތިއުފާ ދެއްވާ ފަނޑިޔާރުންނާއި، ސުލޫކީ މައްސަލައިގައި މަގާމުން ވަކިކުރާ ފަނޑިޔާރުންނަށް ވަކީލުކަން ނުކުރެވޭ ގޮތަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބާ ކައުންސިލަށް ހުށަަހަޅަން ނިންމައިފިއެވެ.

ފަހަކަށް އައިސް ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަން ފެށުމުންނާއި، ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުއްވުމުން، މަގާމުން އިސްތިއުފާދެއްވި ބައެއް ފަނޑިޔާރުން ވަނީ ވަކީލުންގެ ގޮތުގައި މައްސަލަތަކުގައި ވަކާލާތު ކުރައްވަން ފައްޓަވައިފައެވެ. އޭގެ ތެރޭގައި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު ވެސް އުސްމާން ހިމެނިވަޑައިގަންނަވައެވެ.

ސަރުކާރުން ކޯޓުތަކަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ފަނޑިޔާރުކަމުން ޝުޖާއު އުސްމާން އިސްތިއުފާ ދެއްވީ އޯގަސްޓް މަހުގެ 17 ގައެވެ. އޭނާ އިސްތިއުފާ ދެއްވީ ޖޭއެސްސީން އޭނާގެ މައްސަލައެއް ބެލުމަށްފަހު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނިކޮށެވެ.

ޖުޑިޝަރީ ކޮމިޓީގެ މެންބަރުން ވިދާޅުވީ، އެކި އެކި މައްސަލަތަކާ ގުޅިގެން ޖޭއެސްސީން މައްސަލަ ބަލަން ފެށުމުންނާއި މަގާމުން ވަކިކުރަން ފޮނުވުމުން ގިނަ ފަނޑިޔާރުންތަކެއް އިސްތިއުފާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވުމުން އެ ބޭފުޅުންގެ މައްސަލަތައް ބެލޭނެ ގޮތެއް ގާނޫނުގައި ނޯންނަ ކަމަށާއި، އެހެން އެކަން އޮއްވައި، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އަންނަ ދުވަހު އެބޭފުޅުން ނިކުންނަވަނީ ކޯޓުތަކަށް ވަކާލާތު ކުރައްވަން ކަމަށެވެ. އެއީ ބޮޑު މައްސަލައެއް ކަމަށާއި އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ކޮމިޓީގައި މަޝްވަރާ ކުރިއެވެ.

އެއަށްފަހު ކޮމިޓީން ނިންމާފައިވަނީ، ބާކައުންސިލުން ހަދާފައިވާ، ގާނޫނީ ވަކީލުކަން ކުރުމާ ގުޅޭ ހާއްސަ އުސޫލުގެ ތެރެއިން އެފަދަ ފަރާތްތަކަށް ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އެޅޭނެ ބަދަލެއް ގެނައުމަށް ބާކައުންސިލަށް ހުށަހަޅުމަށެވެ.

އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.