ވައި ނުސާފުވުމުގެ ސަބަބުން މިދިޔަ އަހަރު އިންޑިއާއިން ލައްކައަކަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސްޓޭޓް އޮފް ގްލޯބަލް އެއާ 2020 އިން ދައްކާފައިވާގޮތުގައި އިންޑިއާއިން 116000 އަށް ވުރެ ގިނަ ކުޑަކުދިން އުފަންވާތާ ފުރަތަމަ މަސްތެރޭ މަރުވެފައި ވެއެވެ. އެކުދިންގެ މަރާއި މާހައުލުގެ ވައި ނުސާފުވުމާ ގުޅުން ހުރިކަން މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.

އިންޑިއާގައި ހަދާފައިވާ މިދިރާސާއިން ދައްކާގޮތުން އާންމުން އެއްވެ އުޅޭ ތަންތަނުގެ އިތުރުން ގޭތެރޭގެ މާހައުލުގައި ވެސް ވިހައިގެ އަސަރު ހުންނަ ވައިގެ ނިސްބަތް ބޮޑެވެ.

މި ދިރާސާއިން ހާމަވެފައިވާގޮތުން މަރުވެފައިވާ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިން މަރުވެފައިވަނީ އެކުދިން އުޅޭ މާހައުލުގެ ބޭރުން ނުސާފު ވައިގެ އަސަރުކޮށްގެންނެވެ.

އިންޑިއާގައި ވައި ނުސާފުވުން ވެފައިވަނީ އާންމު ބަލިތަކުން މީހުން މަރުވާ ނިސްބަތަށްވުރެ ގިނަ މީހުން މަރުވާ ސަބަބަކަށެވެ.