ހދ. ކުޅުދުއްފުށި ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ 98 އިންސައްތަ މަސައްކަތް ނިމި ބަނދަރު އެއްކޮށް ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކުޅުދުއްފުށީގައި ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ކުޅުދުއްފުށީގައި ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެ ކުންފުނީން މައުލޫމާތު ދެއެވެ.

މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި މުދާ އުފުލުމަށް ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހެދުމާއި، އާ ނެރެއް ހެދުމާއި، ކުދި އުޅަނދުތައް އެޅުމަށް ޖެޓީތަކެއް ހެދުމާއި، މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުމާއި، ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރު ކުޅުމަށް ވޯޓާ ފްރަންޓް ޒޯނެއް ހެދުމާއި، ފެރީ ޓާމިނަލް އިމާރާތެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ފެރީ ޓާމިނަލް އިމާރާތުގައި ފެރީތައް އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ވިއްކުމަށް ޓިކެޓް ކައުންޓަރުތަކާއި އޮފީހަކާއި، ރީޓެއިލް ފިހާރައަކާއި، ނަމާދު ކުރާތަނަކާއި، ކޮންވީނިއަންސް ސްޓޯރާއި، ކެފޭ އަދި މަދާސް ރޫމް ގާއިމު ކުރުމަށްވެސް ނިންމާފައިވާ ކަމަށް މީގެ ކުރިން ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ 2018 ވަނަ އަހަރު ހަވާލު ކުރި މި މަޝްރޫއުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 126 މިލިއަން ރުފިޔާ އަށެވެ.