ކުޅިވަރު

ލިވަޕޫލް އަޔެކްސް ބަލިކޮށްފި، ވެންޑައިކް ނެތްތަން ފޫބެއްދީ ފަބީނިއޯ

ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އަޔެކްސް ބަލިކޮށްފިއެވެ.

ރޭ ނެދަލޭންޑްސްގެ އެމްސްޓާޑޭމްގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލަކީ އަޔެކްސްގެ އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް ޓަގްލަފީކޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ލިވަޕޫލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ޑިފެންޑަރު ވާޖިލް ވެންޑައިކަށް އަނިޔާ ވެ، ސީޒަން އެއްކޮށް ގެއްލޭނެ ކަމަށް ބެލެވިފައި އޮތްއިރު، ރޭ ހުރިހާ ލޯތަކެއް އަމާޒުވީ ލިވަޕޫލްގެ ޑިފެންސަށެވެ. އަޔެކްސްއިން ލިވަޕޫލްގެ ޑިފެންސް ރަނގަޅަށް ޓެސްޓް ކޮށްލި ނަމަވެސް، އެޓީމަށް ގޯލްކީޕަރު އެޑްރިއަން ފޫއަޅުވާލެވިފައެއް ނުވެއެވެ. ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ އަނިޔާގައި ހުރުމުން ރޭގެ މެޗަށްވެސް ނުކުތީ އެޑްރިއަންއެވެ.

ލިވަޕޫލްގެ ސެންޓަ ބެކުން، ވެންޑައިކް ނެތްތަން ފޫބެއްދީ ކުރިން ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅެމުންދިޔަ ފަބީނިއޯއެވެ. މާސީ ސައިޑް ޑާބީގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ތިއާގޯ އަލްކަންޓްރާވެސް ރޭގެ މެޗަށް ނުކުމެފައި ނުވާއިރު، މެޗުގައި ފަބީނިއޯ ވަނީ ރަނގަޅު ކުުޅުމެއް ދައްކާފައެވެ. ހާއްސަކޮށް އަޔެކްސްގެ ޑޫސާން ޓަދިޗް، ލިވަޕޫލް ގޯލްކީޕަރު ބޯމަތިން އެއްލި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް ފަބީނިއޯ ވަނީ ރޮނގު މަތިން ބޭރުކޮށްލާފައެވެ.

ލިވަޕޫލުން ޖެހި ގޯލަކީ ސަޑިއޯ މާނޭގެ ބުރަ މަސައްކަތުން ޖެހި ގޯލެކެވެ. އަރިމަތިން ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ އަމާޒުން ކައްސާލިނަމަވެސް، ގޯލަށް ވަނީ ޓަގްލަފީކޯގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. މެޗުގެ ދެވަނަ ހާފްގައި އަޔެކްސްގެ ޑޭވިޑް ނެރެސްގެ ދެ ހަމަލާއެއް ނުރައްކާ ކޮށް ފެނުނެވެ. ފުރަތަމަ ފުރުސަތުގައި ކުޑައޭރިއާ ތެރެއިން ނެރެސް ފޮނުވާލި ބޯޅަ ގޯލްކީޕަރު އެޑްރިއަން ފައިން މަތަކޮށް ބޭރުކޮށްލިއިރު، ދެވަނަ ހަމަލާ އޭރިއާ ބޭރުން ފޮނުވާލުމުންވެސް މަތަކުރީ ގޯލްކީޕަރު އެޑްރިއަންއެވެ.

ލިވަޕޫލް ހިމެނޭ ގްރޫޕް ޑީގައި އަޓަލާންޓާއާއި މިޑްޓައިލާންޑް ވާދަކުރި މެޗު، މިދިޔަ އަހަރު ސެމީ ފައިނަލްގައި ކުޅުނު އަޓަލާންޓާއިން ކާމިޔާބު ކުރީ 4-0ގެ ނަތީޖާއަކުންނެވެ.