މިހާތަނަށް 13 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބު ރެއާލް މެޑްރިޑުން މި ސީޒަންގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
ރެއާލްއިން ބަލިވީ ޝަކްޓާ ޑޮނެސްކްގެ ޒުވާން ޓީމު އަތުން 3-2ގެ ނަތީޖާއަކުންނެވެ. ޝަކްޓާގެ ޒުވާން ޓީމު ރޭގެ މެޗަށް ނެރެން އެ ކްލަބަށް މަޖުބޫރުވީ ފުރަތަމަ ޓީމުގެ 19 ކޮވިޑް ޓެސްޓެއް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެ 19 ކޭސްގެ ތެރެއިން 13 ކޭހަކީ ޝަކްޓާގެ ފުރަތަމަ ޓީމުގެ ކުޅުންތެރިންނެވެ. އާންމުކޮށް އެޓީމުގެ ފުރަތަމަ 11 އަށް ކުޅޭ 10 ކުޅުންތެރިން ކޮވިޑްގެ ސަބަބުން ރޭގެ މެޗުގައި ނުކުޅެއެވެ.
ރެއާލްގެ ސްޓޭޑިއަމްގެ މަސައްކަތްތައް ކުރިއަށްދާތީ ރޭގެ މެޗުވެސް ކުޅުނީ އެޓީމުން މިވަގުތު ހޯމް މެޗުތައް ކުޅޭ އަލްފްރެޑޯ ޑި ސްޓެފާނޯ ދަނޑުގައެވެ. މިދިޔަ ހަފްތާ ލީގުގައި ކުޅުނު މެޗުގައި އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން ރެއާލް ބަލިވެފައިވާއިރު، ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޝަކްޓާއިން ވަނީ ރެއާލް ކޮޅަށް ތިން ގޯލް ޖަހާފައެވެ.
ކެޕްޓަން ސާޖިއޯ ރާމޯސް އަނިޔާގައި ހުރުމުން ރޭގެ މެޗުން ނުފެނުނުއިރު، އޭނާ ނެތްތަން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ. ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާންގެ އަތުން ބައިކޮޅަށް ވަން ގޯލްގެ އިތުރުން ދެން ޝަކްޓާގެ ގޯލްތައް ޖެހީ ކޯޑޯސޯ ލެމޯސް އާއި ސޮލޮމޮންއެވެ.
ދެވަނަ ހާފްގައި ލޫކާ މޮޑްރިޗާއި ވިނީޝިއަސް ޖޫނިއާ ޖެހި ގޯލްތަކުން ރެއާލްއަށް އުންމީދު އާވި ނަމަވެސް، ރެއާލްއަށް ނަތީޖާ ހަމަހަމަކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފަހު މިނެޓުގައި ފެޑެރީކޯ ވަލްވާޑޭގެ ބޯޅަ ގޯލްތެރެއަށް ވަން ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ކްލަބާ ހަވާލުވެ ހުރި ފުރަތަމަ ތިން ސީޒަންގައިވެސް އެޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއެވެ. އަދި މިދިޔަ ސީޒަންގެ ލީގުވެސް ޒިދާން ވަނީ އެ ކްލަބާއެކު ކާމިޔާބު ކޮށްފައެވެ. ބެލެވޭ ގޮތުގައި ރޭގެ މެޗަށް ބައެއް ކުޅުންތެރިންނަށް ރެސްޓް ދޭން ޒިދާން ވަނީ ވިސްނާފައެވެ. އެއީ އަންނަ ހަފްތާ އެލް ކްލެސިކޯ މެޗު އޮތުމާ އެކުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު