ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމް ކުރިއެރިޔަސް އަގުބޮޑު މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ސަރުކާރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވައި ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަން ހުރި ހުރިހާ ދޮރެއް ހުޅުވާލަން ޖެހޭ ކަމަށެވެ. ރަށްރަށުގައި ހުންނަ ގެސްޓްހައުސްތައް ބުކެޓް ހޮޓެލްތަކަށް ބަދަލުކޮށް، ރަށްތަކުގައިވެސް ފަތުރުވެރިކަން ކުރިއަރުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖެއަކީ މަންޒިލްގެ ގޮތުންނާއި ފަތުރުވެރިކަމުގައި ރާއްޖޭގައި ހުރި ބާވަތްތަކުގެ ގޮތުން ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ ކުރިއެރޭނެ ގައުމެއް ކަމަށެވެ. އަދި ރަށު ފަތުރުވެރިކަން ކުރިއަރައި ދިޔަޔަސް، ރާއްޖެއަކީ އަގުބޮޑު، ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އޮތުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ރަށު ޓޫރިޒަމް ކުރިއަށް ދިއުމަކުން، ރާއްޖޭގެ ލަގްޒަރީ އިމޭޖެއް ނުގެއްލޭނެ. ހަމަ އެންމެ މަތީ ފިލްމްސްޓާރުން އެންމެ މަތީ ފުޓުބޯޅަ ޕްލޭޔަރުން އެކި ގޮތްގޮތުން އެކި މުއްސަނދިންވެސް ރާއްޖެ އައިސްފައި އެބޭފުޅެއްގެ ވޮލެޓު ނޫނީ ޖީބުގައި ހުރި ފެންވަރަކުން ލާރި ހަރަދުކުރާނެ ބޮޑެތި ރިސޯޓުތަކުގައި ހުންނަން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް ކުރިއަރުވަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، އެކަމަށް ބޭނުންވާ ޝޮޕިން ސެންޓަރުތައް ރާއްޖޭގެ ދެކުނާއި އުތުރުގައި ގާއިމް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އެ ސަރަހައްދުތަކުގައި ހުރި ޓޫރިސްޓު އެނދުތަކުގެ އަދަދު އިތުރުކޮށް "ބޯކޮށް" ފަތުރުވެރިން ގެނެވިގެން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު މައުސޫމް ވަނީ، ރާއްޖޭގައި ހުރި ބެޑް ކެޕޭސިޓީގެ ބޮޑު އިންސައްތައެއް މިހާރު އޮޕަރޭޝަނަށް ގެނެވިފައިވާ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި 51،000 ޓޫރިސްޓު އެނދު ހުރިއިރު، އޭގެ ތެރެއިން 28،000 ޓޫރިސްޓު އެނދު އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ފަސް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމެވެ. ބޯޑަރު ބަންދުކުރުމާއި ހަމައަށް ރާއްޖެއަށް ވަނީ ހަތަރު ލައްކައާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައިސްފައެވެ.
ފަތުރުވެރިކަމުގެ ދޮރުތައް ހުޅުވާލުމުގެ ގޮތުން މިމަހު 15ގައި ވަނީ އަތޮޅުތެރޭގެ ގެސްޓްހައުސްތައްވެސް ހުޅުވާލައިފައެވެ. އެގޮތުން މިހާތަނަށް 28 ގެސްޓްހައުސެއް ވަނީ ހުޅުވާލައިފައެވެ. މިނިސްޓްރީގެ އަމާޒަކީ އަންނަ މަހުގެ ތެރޭގައި މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައްވެސް ހުޅުވާލުމެވެ. އެއާއެކު ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުޅުވާލެވުނީއެވެ.
މިއަހަރު ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް 750،000 ފަތުރުވެރިން ގެނައުމެވެ. ނަމަވެސް މިނިސްޓަރު މައުސޫމް އުންމީދުކުރައްވާ ގޮތުގައި އަންނަ އަހަރުގެ ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނެވޭނެއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް