ހދ. ކުޅުދުއްފުށި ސިޓީން ނެގި 120 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގެ އަބްދުލް މައުރޫފް ވިދާޅުވީ އެންމެ ފަހުން ކުޅުދުއްފުށިން ޕޮޒިޓިވްވި ހަތަރު ކޭސްއާ ގުޅިގެން 78 ފަރާތެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ކަމަށާއި އެ ހުރިހާ އެންމެންގެ ސާމްޕަލް ވެސް ނެގެޓިވް ކަމަށެވެ. އަދި ކުޅުދުއްފުށީގެ ހާލަތު އިތުރަށް ދިރާސާ ކުރުމަށް ރެއިން ފެށިގެން 120 ރެންޑަމް ސާމްޕަލް ނެގި އިރު، އެ ހުރިހާ ސާމްޕަލް އެއްވެސް ނެގެޓިވް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރެންޑަމް ސާމްޕަލްސް ނެގުމުގައި މި އަމާޒުކުރީ ވީހާވެސް ބޮޑަށް ކޮމިއުނިޓީ ހިދުމަތް ދޭ އެކިއެކި ފަރާތްތަކަށް، އަދި ރަށުގެ ހައުސް ހޯލްޑްތަކުން ބަލީގެ އަލާމާތް ހުރި ފަރާތްތައް ދެނެގަނެ، އެރަށުގެ ގޭގެއަށް ގޮސް، އެ ހައުސް ހޯލްޑްތަކުން ސާމްޕަލް ނެގުނީ،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 25 ގެއަކުންނާއި 35 ބިދޭސީ މަސައްކަތްތެރިންގެ ގައިން އަދި 17 ފިހާރައަކުންނާއި ކެފޭ، ރެސްޓޯރެންޓްތަކުން 24 ސާމްޕަލްއެއް ނެގި ކަމަށެވެ.
އޭގެ އިތުރުން އެއާޕޯޓާއި ބޭންކުން 13 ސާމްޕަލް، ޓެކްސީ ހިދުމަތްދޭ 11 މީހެއް އަދި ބޯޓްތަކުން 10 މީހެއްގެ ސާމްޕަލް ވެސް ނެގި ކަމަށް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް މި 120 ސާމްޕަލްގެ ނަތީޖާ ވެސް މިވަނީ ނެގެޓިވްކަން ފާހަގަކުރެވިފަ، މި ކޭސްއާ ގުޅިގެން 18ގެ ފަހުން އިތުރު ޕޮޒިޓިވް ކޭސްއެއް ފާހަގަ ކުރެވިފައިނުވޭ،" މައުރޫފް ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 19 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި 13 މީހަކާއި ކުރިނބިން ޕޮޒިޓިވްވި މީހަކާއި ފޯކައިދޫން ޕޮޒިޓިވްވި މީހެއްގެ އިތުރުން ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު