އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ވިލިމާލެ އަށް ތައާރަފްކޮށްފި އެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫގެ ތަސައްވަރާ އެއްގޮތުގެ މަތިން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން އަބަދުވެސް ކުރަމުން އަންނަ ކަމަށެވެ.

ހާއްސަކޮށް މި ދަނޑިވަޅަކީ އާންމު ދިރިއުޅުމުގެ ކަންކަމާއި ކުންފިނިތަކުންދޭ ހިދުމަތްތައް ވެސް ޑިޖިޓަލް ޒަރިއްޔާތަކަށް ބަރޯސާވުން އިތުރުވެފައިވާ ދުވަސްވަރަކަށްވުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފެންވަރު ރަނގަޅު ހައި ސްޕީޑް އިންޓަނެޓް ވަރަށް މުހިންމު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ، އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ވިލިމާލެއަށް ތައާރަފް ކުރުމުން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އެ ހިދުމަތް އެ އަވަށުގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ވަނީ އެ ކުންފުނީގެ ސުޕަނެޓް ޕެކޭޖުތަކަށް ދާދި ފަހުން ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ މިހާރު ލިބޭނެ އެވެ.