ޖުޑީޝަލް ސާވިސް ކޮމިޝަން

ރިޕޯޓުގައި ކުށެއް އޮއްވައި ސޮއިކުރުމުން، ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓަށް ތަމްރީނެއް ހަދަން އަންގަން ފާސްކޮށްފި

މަރިޔަމް ޝަހުދާ

ޝަރީއަތް ނިމުނު ރިޕޯޓުގައި ކުށެއް އޮއްވައި އެ ރިޕޯޓުގައި ސޮއިކޮށްފައިވާތީ، ގއ. ގެނަމަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓަރު އިބްރާހީމް މުނީރަށް ނަސޭހަތްދީ، ތަމްރީނެއް ހަދަން އަންގަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށްފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގެމަނަފުށީ ރުއްދޮށުގޭގެ މިލްކުވެރިކަން ސާބިތު ކުރުމަށް ހިންގި ގަޒިއްޔާގެ ހުކުމާ ހިލާފުވާ ގޮތަށް އެ ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އެކުލަވާލާފައިވާ ކަމަށެވެ.

މި ރިޕޯޓުގައި ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓަރު ސޮއިކޮށްފައި ވަނީ، ފާޅުކަން ބޮޑުކޮށް އެ ރިޕޯޓުގައި ލިޔުމުގެ ކުށެއް އޮވެ، އެ ކުށް ފާހަގަ ނުވެ، އެ ކުށް ހުރިކަން ނޭނގި ކަމަށް ޖޭއެސްސީގެ މި ބަޔާނުގައި ބުނެފައި ވެއެވެ. އަދި މި ކަން ފާހަގަ ނުވެ މައްސަލައިގައި ހިމެނޭ ދެފަރާތަށް މި ރިޕޯޓު ދޫކުރުމަކީ ގަސްދުގައި ކުރި ކަމެއް ނޫން ނަމަވެސް މި ކަމަކީ މެޖިސްޓްރޭޓާ މުނީރުގެ ފަރުވާ ކުޑަ އަމަލެއް ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

އެގޮތުން މެޖިސްޓްރޭޓާ މުނީރުގެ މި އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލެއް ކަމުން، މެޖިސްޓްރޭޓާ މުނީރުއަށް ނަސޭހަތްދީ، ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީގެ މި ނިންމުމަކީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 75 ވަނަ ބައްދަލުވުމުގައި ނިންމި ނިންމުމެއް ކަމަށް ޖޭއެސްސީން ބުނެއެވެ.