ގދ. ރަތަފަންދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާ ވެ، ދެމީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރަތަފަންދޫގައި ދެ ބައެއްގެ ދެމެދު މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު ރޭ މެންދަމު 2:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާވި ދެމީހުންނަށް ރަތަފަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މިހާތަނަށް މި މައްސަލައާ ގުޅިގެން ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ 21 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.