ކުޅިވަރު

މެސީއަށް އިތުރު ރެކޯޑެއް، ބާސާއަށް ބޮޑު މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ފެރެންކްވޭރޯސީ ޓީސީ ބަލިކޮށްފިއެވެ.

ހަންގޭރީއަށް ނިސްބަތްވާ ފެރެންކްވޭރޯސީއަކީ ޗެމްޕިއަންސް ލީގަށް އާ ޓީމެކެވެ. ޔޫރަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބާސާއާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދާފައިވާ ލިއޮނަލް މެސީއާ ދެކޮޅަށް އެޓީމުން ނުކުތްއިރުވެސް ރޭގެ މެޗުގެ ފެވަރިޓުންނަކީ ބާސާއެވެ. ކޭމްޕް ނޯގައި ރޭ ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ ތަފާތު ބޮޑު 5-1ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ބާސާއަށް ގޯލް ހުޅުވާލަ ދިނީ މެސީގެ ޕެނެލްޓީއަކުންނެވެ. އެ ޕެނެލްޓީ ގޯލާއެކު މެސީ ވެފައި ވަނީ ޗެމްޕިއަންސް ލީގުގެ 16 ސީޒަނެއްގައި ގޯލް ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ. ޖެހިޖެހިގެން 16 ޗެމްޕިއަންސް ލީގު ސީޒަނެއްގައި ގޯލް ޖަހާފައި ވަނީ މެސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރަޔަން ގިގްސް އެވެ. ގިނަ ދުވަސްތަކެއް ވަންދެން ގިގްސް ވަނީ އެ ރެކޯޑު ހިފަހައްޓައިފައެވެ. މެސީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސީޒަންގައި ގޯލް ޖަހައިފި ނަމަ، މެސީއަށް އެ ރެކޯޑު މުގުރައިވެސް ލެވޭނެއެވެ.

ރޭގެ މެޗުގައި ބާސާގެ ޒުވާން ތަރިން ކަމަށްވާ ޕެޑްރީ އާއި އަންސޫ ފަޓީވެސް ގޯލް ޖަހާފައި ވެއެވެ. އޭގެ އިތުރުން ގޯލްތައް ޖަހާފައި ވަނީ ބަޔާން މިއުނިކާއެކު މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފިލިޕް ކުޓީނިއޯ އެވެ. އަދި ރޭގެ މެޗުގައި އުސްމާން ޑެމްބޭލޭވެސް ގޯލް ޖަހާފައި ވެއެވެ. އަނިޔާގެ މައްސަލަތައް ގިނަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޑެމްބޭލޭ އަނެއްކާވެސް ފުލް ފިޓްނަސްއަށް އައީ މި ސީޒަނަށެވެ.

ރޭގެ މެޗުގެ 68 ވަނަ މިނެޓުގައި ޖެރާޑް ޕީކޭއަށް ވަނީ ރަތް ކާޑުވެސް ދައްކާފައެވެ. އޭގެ ފަހުން ކުޅުންތެރިޔަކު މަދުން ކުޅުނު ބާސާއަށް ރޭގެ މެޗަށްވުރެ ބޮޑަށް ޕީކޭ ނެތްތަން ދައްކާނީ ޔުވެންޓަސް މެޗުގައެވެ.

ބާސާ ހިމެނޭ ގްރޫޕްގައި ކުޅުނު އަނެއް މެޗުގައި ޔުވެންޓަސްއިން ޑައިނަމޯ ކިއޭވް ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލްވެސް ކާމިޔާބު ކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. ދެން ބާސާއިން ގްރޫޕް ސްޓޭޖުގައި ކުރިމަތިލާން ޖެހޭނީ ޔުވެންޓަސްއާ ދެކޮޅަށެވެ. އެ މެޗު ފޯރިގަދަވާނެ މައިގަނޑު ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމަކަށް ވާތީއެވެ.