ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުޅިވަރުގެ ސިޔާސަތުތައް އިސްލާހުކުރުމުގެ މަސައްކަތް ލަސްކުރައްވާ ކަމަށާއި، އެކަން ލަސްކުރައްވަނީ ސަރުކާރުގެ ތެރެއިން ކުޅިވަރު ހިންގަވަން ތިބި ބައެއް ބޭފުޅުންގެ އަމިއްލަ ބޭނުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ކުޅިވަރުގެ އެސޯސިއޭޝަންތަކާއި، ކުޅިވަރު ހިންގާ ކޮމިޝަންތަކަށް އެކަށޭނެ އުސޫލުތަކެއް ގާއިމް ކުރުމަށް ލަސްވެގެން ދަނީ އެކަމަށް ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލަން ލަސްވުމުން ކަމަށެވެ. ސަރުކާރުގެ ކަންކަން ކުޅިވަރުގައި ހުރީ 1980 ގައި ހުރި ފަދައިން އޮޅުންތަކެއްގެ ތެރޭގައި ކަމަށްވެސް ހަސަން ލަތީފް ފާހަގަކުރެއްވި އެވެ.
"ކުޅިވަރު ކަންކަން މިހުރީ 1980 ވަނަ އަހަރު، އޭރުގެ ސަރުކާރު، ރައީސް މައުމޫން ކަންކަން ކުރެއްވި ގޮތަށް ކުޅިވަރުގެ ކަންކަން މިހުރީ. މިސާލަކަށް ޝަކުވާއެއް ހުށަހަޅާނެ ތަނެއް ހޯދަން އެއީ އުނދަގޫ ކަމެއް. ދެން ޝަކުވާ ހުށަހަޅާނެ ތަނެއް ހޯދައިގެން ޝަކުވާ ހުށަހެޅީމަ ދެން އެވާ ގޮތަށްވެސް ބައްލަވަން އެބަ ޖެހޭ. ބައްލަވާ 1980 ތެރޭގައި އިންތިހާބުތަކުގައި ވާދަކުރައްވާ ފަރާތްތަކުން، ސަރުކާރުން ގަޔާ ނުވާ ގޮތަކަށް އިންތިހާބުގައި ވާދަކުރާ މީހަކު އިންތިހާބު ނިމުނީމަ ދޫކޮށްލަނީއެއް ނޫން. އެމީހާ ފަހާ ދުވާނެ. މި ސަރުކާރުން ކުޅިވަރުގެ ތެރޭގައި ކުޅިވަރުގެ ކަންކަން ހިނގަމުންދާއިރު އެއަކާ ތަފާތެއް ނެތް. ގާނޫނުތައް އިސްލާހު ނުކޮށް ބެހެއްޓީމަ އެކަން ކުރަން، ވަކި ބަޔަކަށް ބޭނުންވާ ގޮތަކަށް ކަންކަން ނިންމަން ފަސޭހަ ވޭ. ސަރުކާރުގެ ތެރެއިން އެކަން ހިންގަން ތިބި މީހުން އެގޮތަށް ބޭނުންވާތީ،" ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ގައުމީ ކުޅިވަރާ ބެހޭ ސިޔާސަތު އެކުލަވާލަން ބޮޑުތަނުން ލަސްވެފައިވާ ކަމަށާއި، އެސޯސިއޭޝަންތަކުގެ ކަންކަން ގޯސްކޮށް ދިޔުމަށް ފަހިވަނީ އެ ކަންކަން އެކުލަވައި ނުލެވި އޮތުމުން ކަމަށެވެ.
"ކުޅިވަރާއި ބެހޭ ސިޔާސަތެއް އެކުލަވާލުމަކީ ސަރުކާރުގެ އަމާޒު. ސްޕޯޓްސް ކަމިޝަނާއި، މިނިސްޓްރީ ނުވަތަ ސްޕޯޓްސް ކައުންސިލްއާއި ސްޕޯޓްސް އިންސްޓިޓިއުޓްގެ މަސްއޫލިއްޔަތުތައް ކިހާވަރަކަށް ތޯ ފުށުއަރަނީ ގައުމީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތުތަކާ. ސްޓްރެޖިކް އެކްޝަން ޕްލޭންގައި އޮންނާނެ ކުޅިވަރާ ބެހޭ ސިޔާސަތެއް އެކުލަވާލުުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން. މި ބަދަލުތަކަކީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް މޮނީޓާކޮށް އިވެލުއޭޓްކޮށް، އެކަންކަން ކުރާނެ މެކޭނިޒަމެއް އެކުލަވައިލުމަށް ކުރާ ކަންކަން. އެކަންކަން ހިނގަމުންދާ ކަމުގެ މަންޒަރެއް ނުފެނޭ. މިދިޔަ އަހަރު ނިންމަން އޮތް ކަމެއް މިއަހަރު ނިމޭއިރުވެސް ނުނިމި އޮތުމުން އެމްޑީޕީ ޗެއާޕާސަންގެ ހައިސިއްޔުތުން ކަންބޮޑުވުން ފާޅުކުރަން،" ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.
ހަސަން ލަތީފް އިތުރަށް ފާހަގަކުރެއްވީ ކުޅިވަރުގެ ކަންކަން ހިނގާ ގޮތް، އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ދިމާވާ މައްސަލަތަކުން ފެންނާނެ ކަމަށާއި ކުރީބައިގައި އިންތިހާބުތަކަށް ތައްޔާރުވުމަށް ގާނޫނުތައް ހަދަން މަސައްކަތްކޮށް އެކަން ނުކުރެވި އޮތް ކަމަށެވެ.
"ވަކި ވިސްނުމެއްގެ ވަކި ރޭވުމެއްގެ ތެރެއިން ގަވާއިދުތަކާއި ގާނޫނޫތައް ނަހަދާ އެބަހުރި. ލަސްކުރުމަކީ ގަސްދުގައި ކުރާ ކަމެއްކަން ފާހަގަކުރެވޭ. 2018 ވަނަ އަހަރު އަޅުގަނޑުމެންގެ ސަރުކާރު އައިއިރު އެނގޭ 2020 ވަނަ އަހަރަކީ ގިނަ އެސޯސިއޭޝަންތަކެއްގެ އިންތިހާބުތައް އަންނާނެ އަހަރެއްކަން. އެހެންވެ މި ސިޔާސަތުތައް ހަދަން ނިންމާފައި އޮތީ. އެ އެސޯސިއޭޝަންތަކަށް ހާއްސަ މެކޭނިޒަމްތަކެއް ތައްޔާރުކުރަން އުޅުނީ އެ އިންތިހާބުތަކަށް ތައްޔާރުވުމަށް،" ހަސަން ލަތީފް ފާހަގަ ކުރެއްވިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު