އަލީ އަޝްފާގު (ދަގަނޑޭ)ގެ ވާހަކައަކީ ދިވެހި ފުޓުބޯޅައިގައި އަބަދުމެ އަބަދަށް ދައްކާނެ ވާހަކައެކެވެ. އޭނާގެ ރެކޯޑުތަކާއި، އޭނާގެ ހުނަރުވެރިކަމުގެ ވާހަކަތައް އެތަކެއް ޖީލުތަކަކަށް ދެމިގެންދާނެ ކަން ޔަގީނެވެ. ދިވެހި ފުޓުބޯޅަ ތާރީހު ދުށް އެންމެ ހުނަރުވެރި، އެންމެ މޮޮޅު ކުޅުންތެރިޔަކީ ދަގަނޑޭ ކަމާމެދު ޝައްކުވެސް ނުކުރެވޭނެއެވެ. ގައުމީ ފެންވަރުގެ އިތުރުން ބައިނަލް އަގުވާމީ ފެންވަރުގެ ތަފާސް ހިސާބުތަކުން އެކަން އެނގި ސާބިތުވެގެންދެއެވެ.

މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި ކުޅެމުން އަންނަ އެންމެ ވަރުގަދަ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީއާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންނާ އެއް ހަމައެއްގައި، ގޯލް ޖެހުމުގެ ރެކޯޑުތަކުގައި ދަގަނޑޭ ގުނާލެވެއެވެ. ބޮޑެތި ކްލަބުތަކަށާއި، ފުޓުބޯޅައިގެ ވަރުގަދަ ބާރުތަކަށް ކުޅެމުން އަންނަ އެންމެ ވަރުގަދަ ފޯވަޑުންނަށްވުރެވެސް ގޯލް ޖެހުމުގައި ދަގަނޑޭ އުޅެނީ ކުރީގައެވެ.

ދާދިފަހުން ނެރުނު ކެރިއަރުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި އޮތީވެސް ދަގަނޑޭއެވެ. އެއީ ކެރިއަރުގައި 464 ގޯލް ޖަހައިގެންނެވެ. 2001 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދަގަނޑޭ އެ އަދަދަށް ގޯލް ޖަހާފައި ވަނީ ޖުމްލަ 544 މެޗު ކުޅެގެންނެވެ.

މިވަގުތު ކުޅެމުން އަންނަ އެކްޓިވް ކުޅުންތެރިންގެ މައްޗަށް ބިނާކޮށްފައި ލިސްޓްގެ އެއްވަނައިގައި ރޮނާލްޑޯ އޮތީ 1055 މެޗުން 742 ގޯލް ޖަހައިގެންނެވެ. ދެވަނައިގައި އޮތީ މެސީއެވެ. 930 މެޗުން މެސީ ވަނީ 706 ގޯލް ޖަހާފައެވެ. އޭގެ ދަށުން ވާދަކުރާ ޒްލަޓާން އިބްރަހިމޮވިޗްގެ ކެރިއަރުގައި 559 ގޯލް ޖަހާފައިވާއިރު، ހަތަރު ވަނަ ލިބެނީ ރޮބާޓް ލެވަންޑޯސްކީއަށެވެ. އޭނާ ވަނީ 506 ގޯލް ކެރިއަރުގައި ޖަހާފައެވެ. ދަގަނޑޭގެ ކުރިން ފަސްވަނައިގައި އޮތީ އުރުގުއޭގެ ފޯވަޑް ލުއިޒް ޝުއަރޭޒްއެވެ. އޭނާ ވަނީ 488 ގޯލް ކެރިއަރުގައި ޖަހާފައެވެ.

ލިސްޓްގެ ގަދަ 10 އާންމުކޮށްފައިވާއިރު، ދެން ލިސްޓްގައި ހިމެނެނީ ސެބޭސްޓިއަން އަބްރޫއާއި ސާޖިއޯ އަގުއޭރޯގެ އިތުރުން ކްލާސް ޔާން ހަންޓްލާ އަދި އެޑިސަން ކަވާނީއެވެ.

ލިސްޓުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ ގޯލްސް ޕާ ގޭމް (މެޗުގެ ނިސްބަތުން ޖެހި ގޯލް)ގެ އެންމެ ކުރީގައި އޮތީ ދަގަނޑޭ ކަމެވެ. ދަގަނޑޭގެ ގޯލް ޕާ ގޭމް ރޭޝިއޯއަކީ 0.85 އެކެވެ. އެންމެ ގާތުން ވާދަކުރާ މެސީގެ ރޭޝިއޯއަކީ 0.79 އެކެވެ. ލިސްޓްގެ އެއްވަނައިގައި އޮތް ރޮނާލްޑޯގެ ގޯލް ޕާ ގޭމް ރޭޝިއޯއަކީ 0.72 އެކެވެ. ދަގަނޑޭގެ ރޭޝިއޯއަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ ފުޓުބޯޅަ ޝަހުސިއްޔަތު ޕެލޭގެ ތަފާސް ހިސާބުތަކާވެސް ގާތް ކުރާ އަދަދެކެވެ. 831 މެޗުން 767 ގޯލް ޖަހާފައިވާ ޕެލޭގެ ގޯލް ޕާ ގޭމް ރޭޝިއޯއަކީ 0.92 އެކެވެ.

ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައިވެސް މިވަގުތު އޮތީ ދަގަނޑޭއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ދަގަނޑޭ ލިސްޓުގެ ދެ ވަނައިގައި އޮތީ 80 މެޗުން 53 ގޯލް ޖަހައި މެޗަކަށް 0.66 ގޯލުގެ ނިސްބަތުންނެވެ. އުމުރުން 35 އަހަރުގެ ދަގަނޑޭ 2018 ވަނަ އަހަރު ލިސްޓްގެ އެއްވަނައިގައި އޮތް ނަމަވެސް، އޭގެ ފަހުން ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުނީ މިއަހަރުއެވެ. ގިނަ ދުވަސްތަކަކު ނުކުޅެ ހުރުމުންވެސް ދަގަނޑޭއަށް އޭނާގެ މަގާމު ދެވަނައިގައި ހިފަހައްޓައި ލެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ދަގަނޑޭއަށް ގައުމީ ޓީމުގައި އެންމެ ކާމިޔާބު އަހަރަކީ 2013 ވަނަ އަހަރެވެ. އެ އަހަރު ހަތް މެޗުން އޭނާ ވަނީ 14 ގޯލް ޖަހައިފައެވެ. އެއީ މެޗަކަށް 2.0 ގޯލްގެ ނިސްބަތެކެވެ.

މި ލިސްޓުގެ އެއްވަނައިގައި އޮތީ 83 މެޗުން 63 ގޯލް ޖަހައި މެޗަކަށް 0.76 ގޯލުގެ ނިސްބަތުން ޔޫއޭއީގެ އަލީ މަބްޚޫތެވެ.

މިހާތަނަށް ކުޅުނު 165 މެޗުން 101 ގޯލު ގައުމީ ޓީމަށް ޖަހައިގެން މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހާފައި ވަނީ ރޮނާލްޑޯއެވެ. އޭނާ ގައުމީ ޓީމަށް ގޯލް ޖަހާފައި ވަނީ މެޗަކަށް 0.61 ގޯލުގެ ނިސްބަތުންނެވެ. އެއީ ލިސްޓުގެ ހަތަރުވަނައެވެ. ރޮނާލްޑޯ މިހާރުވެސް ކުޅެމުން އަންނައިރު، ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހާފައިވާ އީރާންގެ އަލީ ދާއީގެ ރެކޯޑު މުގުރާލާނެ ކަމަށް ބެލެވެއެވެ. އަލީ ދާއީ ޖަހާފައި ވަނީ 109 ގޯލެވެ.

ލިސްޓްގެ ތިންވަނަ އިންޑިއާގެ ސުނިލް ޗެތުރީއަށް ލިބެނީ މެޗަކަށް 0.63 ގޯލްގެ ނިސްބަތުން ގޯލް ޖަހައިގެންނެވެ. ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ރޮނާލްޑޯއާ އެއް ހަމައެއްގައި ލިސްޓްގައި އޮތްއިރު، ހަވަނައިގައި އޮތީ ބްރެޒިލްގެ ތަރި ނޭމާ އެވެ. ލިސްޓްގެ 10 ވަނައިގައި އާޖެންޓީނާގެ ލިއޮނަލް މެސީ އޮތީ އެޑިން ޒެކޯއާއި ރޮބާޓް ލެވަންޑޯސްކީ އަދި ލުއިސް ޝުއަރޭޒްގެ ފަހަތުންނެވެ.

ދަގަނޑޭއަކީ މުޅި އޭޝިއާއިންވެސް އެންމެ ގިނަ ކެރިއަރު ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާގެ ގޯލްތައް ޖަހާފައިވަނީ ރާއްޖޭގެ ގައުމީ ޓީމުގެ އިތުރުން ރާއްޖޭގެ ކްލަބުތަކާއި މެލޭޝިއާގެ ޕީޑީއާރްއެމް ބަރުމާގެ ޑީޑީއެމްއެމް އެފްސީއަށެވެ. ވެލެންސިއާއަށް ކުޅުނު 109 މެޗުން 104 ގޯލް ދަގަނޑޭ ޖަހާފައި ވެއެވެ. އޭގެ އިތުރުން ނިއުރޭޑިއަންޓަށް ކުޅުނު 147 މެޗުން 129 ގޯލް، ޑީޑީއެމްއެމްއަށް ކުޅުނު ހަތް މެޗުން ދެ ގޯލް، ވީބީއަށް ކުޅުނު 85 މެޗުން 93 ގޯލް، މެލޭޝިއާގެ ޕީޑީއާރް އެމްއަށް ކުޅުނު 70 މެޗުން 47 ގޯލް، މާޒީޔާއަށް 12 މެޗުން އަށް ގޯލް، ޓީސީއަށް ކުޅުނު 12 މެޗުން 16 ގޯލްގެ އިތުރުން މިހާރު ކުޅެމުން އަންނަ ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅުނު 15 މެޗުން 11 ގޯލް ދަގަނޑޭ ޖަހާފައި ވެއެވެ. އޭގެ އިތުރުން ގައުމީ ސީނިއާ ޓީމަށް ކުޅުނު 80 މެޗުން 53 ގޯލާއި، 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ހަތް މެޗުން ދެ ގޯލް ދަގަނޑޭ ވަނީ ޖަހާފައެވެ.