އާޖެންޓީނާގެ ތަރި އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ބަހައްޓަން އެހެން ކުޅުންތެރިން ދަނޑުމަތީގައި ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް ބާސާ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ކޫމަން ބުނެފައިވަނީ މެސީގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކުމަށް އެހެން ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި މެސީގެ ބޭނުން އެޓޭކުގައި އެންމެ ފުރިހަމައަށް ކުރެވޭނީ އޭރުން ކަމަށެވެ.
"ބައެއް ކޯޗުން މެސީ ކަހަލަ ކުޅުންތެރިންނަށް އުނދަގޫ ހާލަތްތަކެއް ޖައްސާނެ. 11 ކުޅުންތެރިން ދެ ޓީމުގައި ވެސް ކުޅޭނީ، ތަފާތަކަށް ވަނީ ކުޅުންތެރިންގެ ކޮލިޓީ. އެހެންވީމަ އެ ކުޅުންތެރިންގެ ވަކިވަކި ކޮލިޓީތަކަށް ބަލައިގެން ޓީމު އޯގަނައިޒް ކުރަން ޖެހެނީ. މެސީ ހުންނަ ޓީމެއްގައި އެހެން ކުޅުންތެރިން ގިނައިން ދުވަން ޖެހޭނެ. އެއީ މެސީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާއަށް ހަދަން. އެހެން ކުޅުންތެރިން ގައިގައި އެ ކޮލިޓީ ނެތް ނަމަވެސް، އެ ކުޅޭ މަގާމަށް ބަރާބަރަށް މަސައްކަތް ކުރަން ޖެހޭނެ،" ކޫމަން ބުނެފައިވެ އެވެ.
ކޫމަން ބުނެފައިވަނީ މެސީއާއެކު މަސައްކަތް ކޮށްލި މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާގެ އާދަޔާ ހިލާފު ހުނަރުވެރިކަމާއި ވިސްނުން ތޫނުކަން ދެނެގަންނަން ފުރުސަތު ލިބިއްޖެ ކަމަށެވެ.
"ފުރަތަމަ ފަހަރުން ވެސް މެސީގެ ހުނަރުވެރިކަން ސާފުވެއްޖެ. މެސީއަކީ ދަނޑުމަތީގައި އާދަޔާ ހިލާފު ވިސްނުން ތޫނު ކުޅުންތެރިއެއް. މެޗުގައި ގޯސްކޮށްދާ ކަންކަން އަވަހަށް ދެނެގަނެ ހައްލު ހޯދަން އެނގޭނެ. މަޑުކޮށްގެން ހުރެ ވެސް އެ ހައްލު މެސީ ހޯދާނެ،" ކޯމަން ބުނެފައިވެ އެވެ.
މެސީ އާއި ބާސާއާ ދެމެދު މިދިޔަ ސީޒަންގެ ފަހުން މައްސަލަތަކެއް ޖެހި، މެސީ ބާސާ ދޫކޮށްލަން ވެސް މަސައްކަތް ކުރި އެވެ. އެއްބަސްވުން އުވާނުލެވި މެސީ މަޑުކުރަން ޖެހުނުއިރު، މިވަގުތު ފެންނަނީ ބާސާއެކު މެސީ ހިތްހަމަ ޖެހިގެން ހުރިތަނެވެ. އެންމެފަހުން ލީގުގައި ބާސާއިން ކުޅުނު މެޗުން ބަލިވި ނަމަވެސް، ސީޒަންގައި ކުރި ކުޅުނު މެޗުތަކުން މޮޅުވެ، މެސީ ވަނީ ރަނގަޅު ކުޅުމެއް ވެސް ދައްކައިފަ އެވެ.
މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދާފައިވާ މެސީއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު