ބޭރުގެ ފަރާތްތައް ރާއްޖޭގެ ވިޔަފާރިތަކުގައި ބައިވެރިވާތީ، ފައިސާ ދެއްކުމަށް ފާސޭހަ މަގުތައް ހޯދަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، މިއަދު މަޖިލީހަށް ހުށަހަޅައިގެން ބަހުސް ފެށި، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު އެވެ.

މި ބިލާ ބެހޭގޮތުން މަޖިލިސް ރައީސް ވިދާޅުވީ، އެއް އަތުން އަނެއް އަތަށް ފައިސާ ބަދަލު ނުވާ ގޮތަށް ވިޔަފާރީގެ މުއާމަލާތް ހިންގުމަށް ކްރެޑިޓްކާޑާއި، އިންޓަނެޓު ފަދަ ބާވަތް ބާވަތުގެ ޕޭމަންޓް ސިސްޓަމްތައް ބޭނުންކުރަމުން އަންނަ ކަމަށެވެ.

ހާއްސަ ގޮތެއްގައި ގެސްޓުހައުސްތަކުގެ ވިޔަފާރި ކުރިއަށްދާއިރު، ބޭރުގެ އެކިއެކި ފަރާތްތައް ރާއްޖޭގެ ވިޔަފާރިތަކުގައި ބައިވެރިވާތީ، ފައިސާ ދެއްކުމަށް ފާސޭހަ މަގުތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ހުށަހަޅައި ބަހުސްފެށި ގޭޓުވޭ ބިލަކީ އެ ބޭނުމަށް ޓަކައި އެކުލަވާލެވިފައިވާ ބިލެއް ކަމަށެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނަށް އެ ބިލުން ވާނުވާއެއް އެހާބޮޑަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުވެސް މި ބިލު މިދިޔަ ދެދުވަހު ކިޔައިލިން އަޅުގަނޑު ތެދަށް ދަންނަވާނަމަ އަޅުގަނޑަށް މާބޮޑަށް ވާއެއް ނުވާއެއް އޮޅުން ނުފިލައިގެން އެމްއެމްއޭއިން އަޅުގަނޑު ދަންނަ މިބާވަތުގެ ކަންކަމާގުޅޭ ބޭފުޅަކު ކައިރީގައި އަހައިގެން އޮޅުން ފިލުވީމަ އަޅުގަނޑަށްކީ މިކީހެން ވެސް ހައްތާވެސް ފަރަންސޭސިބަހުން ލިޔެފަ އޮތްހެން ހީވުމާއި، އެއްގޮތަކަށް ވެސް ވާއެއް ނުވާއެއް ނޭނގޭ ގޮތް އަޅުގަނޑަށް ވަމުން ދިޔައީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ބިލުގައި ހިމެނޭ ކަންކަމާގުޅޭ މާހިރަކު މާދަމާ މަޖިލީހަށް ވަޑައިގެން އެ ބިލުގައި ބުނާ އެއްޗެއް ބުނެދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، އެވާހަކަ މަޖިލީހުގެ އަމީން އާއްމަށް ދަންވާފައިވާނެ ކަމަށެވެ.

ނަމަވެސް ބައެއް މެންބަރުން ބިލަށް ވާހަކަ ދެއްކެވުމުން އެމަނިކުފާ ވިދާޅުވީ، ބިލަށް މެންބަރުން ވާހަކަ ދެއްކެވި ވަރަކަށް އޭގައިވާ އެއްޗެއް އެނގިވަޑައިގަންނަވާ ކަމަށާއި، އެއީ ރަނެއް މަލެއް ފަދަ ބިލެއް ކަމަށެވެ.