އެމެރިކާއިން އުފައްދާ ކޮވިޑް ވެކްސިން އަށް އަންނަ މަހުގެ މެދުތެރޭ ހުއްދަ ދޭނެކަމުގެ އުއްމީދު އާވެއްޖެ އެވެ.

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ޕެފިޒާ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެކުންފުނިން އުފައްދާ ކޮވިޑް ވެކްސިންގެ ނަތީޖާ ރަނގަޅުކަމަށާއި ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދައަކަށް މިހާރު އެދިފައިވާ ކަމަށެވެ.

ޕެފިޒާ އިން ވަނީ އަންނަ މަހުގެ ތިން ވަނަ ހަފްތާގައި ވެކްސިން އާންމު ކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބޭނެކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައެވެ.

އެމެރިކާގެ އެފްޑީއޭ އާއި މިނިވަން ތަޖުރިބާކާރުންގެ ޓީމަކުން މިވެކްސިންގެ ޓެސްޓުތަކުގެ ނަތީޖާ ބަލައި ތަހުގީގު ކުރުމަށް ނިންމާފައި ވެއެވެ.

ޕެފިޒާ އިން ކޮވިޑާ ދެކޮޅަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ޖަރުމަނުގެ ބަޔޯޓެކް ކުންފުންޏާއި ގުޅިގެން ކަމަށް އެކުންފުނިން ބުނެއެވެ.