ބޭރުގެ ނުފޫޒުތަކުން ރާއްޖެ ސަލާމަތްކޮށްދިނުމަށް އެންމެ ބޮޑަށް މަސައްކަތެއް ކުރެއްވި ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެމަނިކުފާނަކީ މިގައުމުގެ އުންމީދު ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ މިއަދު ޑިމޮކްރަސީގެ ނަމުގައި ރާއްޖެއިން ފެންނަމުންދަނީ ގައުމުގައި ފަސާދަ އާއި ރުޅިވެރިކަމާއި ނަފްރަތާއި ތަޅާފޮޅުން ހިނގާ މަންޒަރު ކަމަށެވެ.

އެގޮތުން ޕޯޗުގީޒުންނަށް ވެސް ރާއްޖެ އަޅުވެތި ކުރެވުނީ ރާއްޖޭގެ އެތެރޭގެ ތަޅާފޮޅުމުގެ ސަބަބުން ކަމަށާއި ރާއްޖޭގެ ސިޔާސީ ހަމަނުޖެހުން އުފެދި ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި އަރާރުންވުން ބޮޑުވާ ކޮންމެ ފަހަރަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަހަރެއް ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ކަމެއްގެ ވާހަކަ ހިއްސާ ކުރައްވަމުން ޑރ. ވަހީދު ވިދާޅުވީ ގައުމެއްގެ ވަޒީރަކު ވަޑައިގެން، އޭނާއާއެކު ޓީވީއަށް އަރައި އިސްތިއުފާ ދެއްވުމަށް އެންގި ކަމަށެވެ. އަދި އެ ދުވަހު އެ ވަޒީރާއެކު ޓީވީއަށް އެރިނަމަ ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އޭރުއްސުރެ ދިވެހި ރާއްޖެއަށް އަންނަނީ ބޭރުގެ އެކިއެކި ފަރާތްތަކުގެ ބާރުގަދަ ކުރުމުގެ މަސައްކަތްތައް ކުރަމުން. އެ މަސައްކަތްތައް ދިޔައީ އިތުރުވަމުން. އޭގެ ނުފޫޒު 2013ގެ އިންތިހާބުގެ ތެރެއަށް ވަންނަން އުޅުނު. މި ދެންނެވި ތަފާތު ގައުމުތަކުގެ ނުފޫޒުތައް ގަދަވަމުން ރާއްޖެއަށް ގަދަކުރަމުން ދިޔަ ދުވަސްވަރެއްގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ. އެ ނުފޫޒުތައް، އެ ނުރައްކާތެރި ހަރަކާތްތައް ހުއްޓުވާލެއްވި ބޭފުޅަކީ ރައީސް ޔާމީން،" ޑރ. ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބާރު ނުހިންގުމުން ބޭރުގެ ބައެއް ގައުމުތަކުން ރައީސް ޔާމީނަށް ވަރަށް ނަފްރަތުކުރާ ކަމަށެވެ. ނަމަވެސް ގައުމީ ދުވަހުގެ އުފާ ފާޅުކުރާއިރު ހިތާމަކުރަންޖެހޭ ކަމަކީ ރައީސް ޔާމީން ޖަލުގައި ހުންނެވުން ކަމަށާއި އެމަނިކުފާނަށް ހައްގު ލިބިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި ގައުމުގެ ކަންކަން އިސްލާހުކުރުމަށް މިއަދުގެ އުންމީދަކީ ރައީސް ޔާމީން ކަމަށެވެ.

ރާއްޖޭގައި އެއްބައިވަންތަކަމާއި ސުލްހަމަސަލަސް ގާއިމުކުރަންޖެހޭކަން ފާހަގަކުރައްވައި ޑރ. ވަހީދު ވިދާޅުވީ، އެކަމަށްޓަކައި ސަރުކާރުގައި ތިބި ފަރާތްތަކުން ސިޔާސީ ލީޑަރުންނާއި ހަރަކާތްތެރިންނަށް ހައްގު ހޯދައިދޭންޖެހޭ ކަމަށާއި އެއީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފެނިގެންދަނީ ނުހައްގުން ރައީސް ޔާމީން ޖަލުގައި ބަހައްޓާފައިވާ މަންޒަރު ކަމަށް ވިދާޅުވި އެވެ.