ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރެކޯޑު އަދަދަކަށް ދުނިޔެއިން ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިންބުނެފިއެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ މުޅިދުނިޔެއިން 392،471 ކޮވިޑް ކޭސް ފެނިފައިވާކަމަށް ބުނެފައެވެ. މިއީ ކޮވިޑް ފެތުރެން ފެށިފަހުން މިހާތަނަށް އެއްދުވަސްތެރޭ އެންމެ ގިނަ ކޭސް ފެނިފައިވާ ދުވަހެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މުޅިދުނިޔެއިން މިހާތަނަށް 39 މިލިއަނަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެއެވެ.

ޑަބްލިއުއެޗްއޯގެ ރެކޯޑުތަކުން ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެމެރިކާއިން އެކަނިވެސް 63،044 ކޮވިޑް ކޭސް ފެނިފައި ވެއެވެ. އެގައުމުން އެކަނިވެސް މިހާތަނަށް 7.8 މިލިއަނަށް ވުރެން ގިނަ ކޮވިޑް ކޭސް ވަނީ ފެނިފައެވެ.

އިންޑިއާއިން ވެސް ވަނީ ވޭތުވެދިޔަ 24 ގަޑިއިރު 62،212 ކޭސް ފެނިފައެވެ.