ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން އެއްކޮށްލުމާ ގުޅިގެން ގުޅީފަޅާއި ތިލަފުށިން ކުއްޔަށް ދޫކޮށްފައިވާ ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތަކަށް ދައްކަންޖެހޭ ކުލީގެ ފައިސާ މާދަމާ އިން ފެށިގެން އެޗްޑީސީއަށް ދައްކަންޖެހޭ ގޮތައް ހަމަޖަަައްސައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިލަފުއްޓާއި ގުޅީފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުންތައް ނަގުލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ދެރަށުގެ ސިނާއީ ބިމާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި އެހެނިހެން ފައިސާ މާދަމާ އިން ފެށިގެން އެޗްޑީސީއަށް ދެއްކުމަށް އިއުލާނުގައިވެ އެވެ.

އެޗްޑީސީން ބުނީ، ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކް ތައްޔާރު ކުރާނީ "ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކަމަށާއި ނަގުދު ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ކޭޝް ކައުންޓަރުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ފައިސާ ދައްކާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން "މައި ހުޅުމާލެ" ޕޯޓަލްގައިވާ "ކުއިކް ޕޭ" މެދުވެރިކޮށް ވެސް އެ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.