Close
ޚަބަރު

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ތަހުގީގުކުރާ ކަމަށް ވިދާޅުވެ، އަށް ބޭފުޅެއްގެ ނަން އާޒިމް އާންމުކުރައްވައިފި

އިބްރާހިމް ޒަކީ

1

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ތަހުގީގު ކުރާ ކަމަށް ވިދާޅުވެ، އަށް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އާންމު ކުރައްްވައިފި އެވެ.

އާޒިމް އެ ބޭފުޅުންގެ ނަންތައް އާންމުކުރައްވާފައިވަނީ، އެމްޑީޕީން ނެރޭ ހަބަރު ސިޓީގެ މިއަދު ނެރުނު އަދަދުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގަ އެވެ. އޭނާ އާންމު ކުރައްވާފައިވާ ނަންތަކުގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އިދިކޮޅު، ޕީޕީއެމް އާއި ޕީއެންސީގައި ހިމެނިވަޑައިގަންނަވާ އަދި ކުރިން ހިމެނިވަޑައިގެންނެވި އިސް ބޭފުޅުންނެވެ.

އޭގެ ތެރޭގައި ކުރީގައި ޕީޕީއެމްގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބެވުމަށްފަހު، މިހާރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ބަދަލުވެފައިވާ ބޭފުޅުން ވެސް ހިމެނެ އެވެ.

އެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ޣައްސާން މައުމޫނާއި ސްރީ ލަންކާގެ ކުރީގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ.

މީގެ އިތުރުން ޖޭޕީއަށް ބަދަލުވެފައިވާ ކުރީގެ ޕީޕީއެމް މެންބަރުން ކަމަށްވާ ވިލިމާފަންނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މިހާރު ޖޭޕީގެ ސެކެރްޓަރީ ޖެނެރަލް އަލީ އާރިފާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ހިމެނިވަޑައިގަންނަވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، އަމިއްލަ ޕާޓީގެ މެންބަރުން ގުނބޯ ހެއްދުމަށްފަހު އިންޑިއާ އައުޓް ގޮވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ސަފުގައި ތިބޭ ގިނަ މީހުންނަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ މީހުން ކަމަށެވެ. އަދި އެމީހުން އެކަން ކުރަނީ، ކޮރަޕްޝަންގެ މައްސަލަތަކުން ސަލާމަތްވުމަށް ގައުމު ހަލަބޮލިކޮށް އެކުވެރި ގައުމުތަކާއި ރާއްޖެއާ ޖައްސައިގެން ވެރިކަމުުގެ މިސްރާބު ބަދަލުކުރުމަށް ކަމަށް ވިދާޅުވި އެވެ.

"މިއުޅެނީ އިންޑިއާ އައުޓް ނުވެގެނެއް ނޫން، މިއުޅެނީ ކުށް ސާބިތުވެ ޖަލުގެ ތޭރިތަކުގެ ތެރެއަށް އިން ވެދާނެތީ އެކަމާ ގަންނަ ބިރަކުން،" އަލީ އާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންޑިއާ އައުޓް ގޮވާ ފަރާތްތަކަން ގޮވާ ގޮވުމަށް މިހާރު ދިވެހިން ހޭނިއްޖެ ކަމަށެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ އެހެން ފަރިއްސެއް ކިޔުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟