ބޭރުން އަރައިގެން އައިސް ދިވެހިން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި ވަނީ އިޖުތިމާއީ އަހުލާގީ ވަބާ ތަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރާ ރާއްޖޭގެ ގައުމީ ދުވަހުވަސް ފާހަގަކުރުން ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި، ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އެކަންކަމާމެދު ވިސްނައި ފިކުރުކޮށް އެމައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ގައުމީ ޒިންމާއެއްކަމުގައި ގަބޫލުކޮށްގެން އެމަގަމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މި މައްސަލަތައް ހައްލުކޮށް ދިވެހި ގައުމިއްޔަތާއި މިނިވަންކަން ރައްކާތެރިކޮށް ދިވެހިން އެދޭ ދިވެހިންނަށް ހައްގުވާ ދިރިއުޅުން ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުންގެންދަވާ މަސައްކަތް ޕުޅު މިފުރުސަތުގައި ފާހަގަކުރަން. އަދި އެމަނިކުފާނުގެ ކެބިނެޓާއި ސަރުކާރުގެ އެހެން މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރައްވަމުންގެންދަވާ މިންނެތް މަސައްކަތްޕުޅަށް ޝުކުރު ދަންނަވަން،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ގައުމީ ދުވަސް ފާހަގަ ކުރަމުން އަންނައިރު ގައުމިއްޔަތަށް ދިމާވަމުން އަންނަ ބައެއް ގޮންޖެހުންތަކާ މެދު ފުންކޮށް ވިސްނައި އީޖާދީ މޭރުމަކުން އެކަންކަން ހައްލުކުރަން އެބަޖެހޭ ކަމަށެވެ.

"ވަރަށް ގިނަފަހަރަށް ސަމާލުކަން ދެވެނީ މާ ދުރުން އުފެދިގެން އަންނަ ނުވަތަ އުފެދިދާނެ ގޮންޖެހުމަކާ މެދު. އާދެ! ވަރަށް ގިނަފަހަރަށް އަޅުގަނޑުމެންގެ ގާތުގައި އަޅުގަނޑުމެންގެ ތެރޭގައި ފޮރުވިފައިވާ އަޅުގަނޑުމެންގެ ދުޝްމަނުން އަޅުގަނޑުމެންގެ ވިސްނުމުގެ ރާޑަރަށް ގެއްލިގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގައުމިއްޔަތަށް މިއަދު ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުންތަކަކީ ދިވެހިންގެ މެދުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ އާއި މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށިގަ އާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާ އާއި ގޯނާއާއި ފުރައްސާރަ ކަމަށެވެ. މީގެ ތެރޭގައި އިސްލާމްދީނުގެ ސައްހަ އަގީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން ދިއުންވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަން ކަމަކީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކާއި ދުނިޔޭގެ މީހުން އަޅުގަނޑުމެން ސިފަ ކުރާނެ ގޮތް. އަދި މިކަން ކަމަކީ މިކަންކަން ހައްލުކޮށްގެން ނޫންގޮތަކަށް އަޅުގަނޑުމެންނަށް ތަރައްގީ އާއި ކުރިއެރުން ނުހޯދޭނެ ކަންކަން،" މިނިސްޓަރު ވިދާޅުވިއެވެ.