ކުޅިވަރު

ރެއާލް ބަލިވީ އަލަށް އައި ޓީމެއް އަތުން، ބާސާއަށް ވެސް ލަދުވެތި ބައްޔެއް

ސްޕެނިޝް ލަލީގާގެ ތަށްޓަށް ވާދަކުރާ ބޭސެލޯނާ އާއި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުޅުނު މެޗުތަކުން އެ ދެޓީމުވެސް ބަލިވެއްޖެއެވެ.

ރޭ ލަލީގާގައި ބާސާއިން ގެޓާފޭއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ރެއާލް ލަދުވެތި ގޮތަކަށް ބަލިވީ މި ސީޒަނަށް ލަލީގާއަށް ޕްރޮމޯޓްވި، ކަޑީޒް އަތުންނެވެ. އެ މެޗުން ރެއާލްވެސް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

14 ސީޒަނަށްފަހު ލަލީގާއަށް ޕްރޮމޯޓް ވި ކަޑީޒް އަތުން ރެއާލްވި ބައްޔަކީ 30 އަހަރު ތެރޭގައި އެ ކްލަބު އަތުންވި ފުރަތަމަ ބައްޔެވެ. ކަޑީޒްއިން ފުރަތަމަ ހާފްގައި ގޯލް ޖެހީ އެންތޮނީ ލޮޒާނޯއެވެ. ރެއާލްއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލަށް ހެދުނީ އެންމެ ދެ ޝޮޓެވެ. ކަރިމް ބެންޒެމާގެ ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވި ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވެއެވެ.

މިހާތަނަށް މި ސީޒަންގައި ލަލީގާގައި ކުޅުނު ހަ މެޗުން 10 ޕޮއިންޓާއެކު ކަޑީޒް ލީގުގެ ތިންވަނައިގައި އޮތްއިރު، އެއްވަނައިގައި ރެއާލް އޮތީ ފަސް މެޗުން އެ އަދަދަށް ޕޮއިންޓް ހޯދައި، ގޯލް ތަފާތުންނެވެ. ރޭ ބާސާ ބަލިކުރި ގެޓާފޭއަށް ތާވަލުގެ ދެވަނަ ލިބެނީވެސް ހަ މެޗުން 10 ޕޮއިންޓާ އެކުގައެވެ. ވަރުގަދަ ބާސެލޯނާ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.

ބާސާ ކޮޅަށް ގެޓާފޭ އިން ޖެހި ހަމައެކަނި ގޯލަކީ ލިބުނު ޕެނެލްޓީއެއްގައި ފޯވަޑް ޖައިމޭ މަޓާ ޖެހި ގޯލެކެވެ. ބާސާއިން އާ ކޯޗާއެކު މި ސީޒަނަށް ނުކުމެ މޮޅު ކުޅުމެއް ދައްކާފައިވާއިރު، ރޭގެ ބައްޔަކީ ސީޒަންގެ ފުރަތަމަ ބައްޔެވެ. އެންޓޮން ގްރީޒްމަންއަށް ލިބުނު ހުސް ފުރުސަތު އޭނާ ބޭކާރު ކޮށްލިއެވެ.

މި ހަފްތާގައި ޗެމްޕިއަންސް ލީގު ކުޅުމަށްފަހު ބާސާ އާއި ރެއާލްއިން ދެން ލީގުގައި ކުޅޭނީ ވަރުގަދަ "އެލް ކްލާސިކޯ" އެވެ. ބާސާ އާއި ރެއާލްގެ ކުރިމަތިލުން އޮންނާނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ.