ޚަބަރު

ގްރޭޑް 7 އިން ދަށުގެ ދަރިވަރުންގެ ކިޔެވުން މިއަހަރު ފެށޭނެ ކަމަށް ނުބެލެވޭ: އެޑިއުކޭޝަން މިނިސްޓްރީ

ގްރޭޑް ހަތަކުން ދަށުގެ ދަރިވަރުންގެ ކިޔެވުން މިއަހަރު ފެށޭނެ ކަމަށް ނުބެލެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ރަޝީދު ވިދާޅުވީ ސްކޫލު ހުޅުވުމުގެ ކަންކަން ކުރިއަށް ގެންދަނީ ހާލަތަށް ބެލުމަށްފަހު ކަމަށާއި އެގޮތުން އަންނަ ހޯމަ ދުވަހު މާލެ ސަރަހައްދުގައި ގްރޭޑް އަށަކަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި މިހާރު އޮތް ހާލަތު ދެމިގެންދާނަމަ މިމަހު 25 ގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ވެސް ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ނޮވެމްބަރު މަހަކީ އިމްތިހާނުތައް އޮންނަ ދުވަސްވަރުކަން ފާހަގަކުރައްވައި ރަޝީދު އިތުރަށް ވިދާޅުވީ އިތުރު ގުރޭޑްތައް ސްކޫލްތަކަށް ނެރެ، ކިޔަވައިދޭނެ ދުވަހެއް ނެތް ކަމަށާއި އެހެންކަމުން ގްރޭޑް ހަތަކުން ދަށުގެ ދަރިވަރުން ސްކޫލްތަކަށް ގޮސްގެން މިއަހަރު ކިޔަވައި ނުދޭނެ ކަމަށެވެ.

"ގްރޭޑް ހަތަކުން ދަށުގެ ކުދިންނަށް ހަމަ ގޭގައި ތިބެގެން މިހާރު ވެސް އޮންލައިންކޮށް ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް އެގެންދަނީ. އަދި ހަމަ އެހެންމެ ޓެލި ކްލާސްތައް ވެސް ކުރިއަށް އެގެންދަނީ. އެހެންވީމަ އެ ގްރޭޑުތަކަށް މިއަހަރު ދެންހަމަ އެގޮތަށް ދާނެ ކަމަށް މި ބެލެވެނީ،" ރަޝީދު ވިދާޅުވި އެވެ.

މާލޭ ސްކޫލްތަކުގެ ގްރޭޑް ހަތެއް އަދި އަށެއްގެ ކިޔެވުން ފަށަން މިހާރު ތައްޔާރުވެފައިވާއިރު، ގްރޭޑް ނުވައަކުން 12 އާ ދެމެދުގެ ކުދިންނަށް މިހާރު އަންނަނީ ސްކޫލުތަކުގައި ކިޔަވައި ދެމުންނެވެ.