ޚަބަރު

ކުޅުދުއްފުށި އަނެއްކާ ވެސް މޮނީޓަރިންނަށް

ކުޅުދުއްފުށީ ސިޓީން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅިގެން އެ ސިޓީ އަނެއްކާ ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިރޭ 10:35 އިން ފެށިގެން ކުޅުދުއްފުށްޓަށް އަރައި ފޭބުން މަނާކޮށްް މޮނިޓާ ކޮށްފައިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެހެންކަމުން އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެ ރަށަށް އަރައި ފޭބުން މަނާވާނެ އެވެ.

މިމަހުގެ ކުރީކޮޅު ވެސް ކުޅުދުއްފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެފަހަރު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ އެ ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އަދި މީގެކުރިން މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ "ފާޅު ބޯޓު" ގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ވެސް އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެރަށުގައި މިވަގުތު ކޮވިޑް ޖެހިފައިވާ ހަތް މީހަކު އެބަ ތިއްބެވެ. އެ އެންމެންނަކީ ވެސް އެރަށުން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅުން އޮތް މީހުންނެވެ.