ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި 277 މީހަކު މިއަދު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފި އެވެ.
މިއަދު ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އާ ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. މިއަދުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި އާ ވަކީލުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ މި ފަންނުން އުނގެނިވަޑައިގެންނެވި އިލްމާއި ހުނަރު އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ދުވަސްތަކެއް ކަމަށެވެ. އެ ފުރުސަތުތަކުގެ ބޭނުން ހިފާއިރު ލިބިފައިވާ އިލްމު ހެޔޮގޮތުގައި ބޭނުން ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އުއްތަމަ ފަނޑިޔާރު ނަސޭހަތްތެރިވެ ވަޑައިގަތެވެ.
ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ވަކީލުންނަކީ ވެސް ގާނޫނީ އިލްމުގެ ދާއިރާގެ ތެރެއިން ކޮންމެ ދުވަހަކު ވެސް އާ ތަޖުރިބާތަކެއް ކުރައްވާ އާ ކަންތައްތަކެއް ދަސްކުރަން މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އޭގެ ސަބަބަކީ ގާނޫނީ ވަކީލުންނަކީ ވަރަށް ޒިންމާދާރު މަސައްކަތެއް ކުރަން ޖެހިފައިވާ ވަރަށް ގިނަ ބައެއްގެ މަސްލަހަތު އެކަމެއްގެ ތެރޭގައި ހިމެނޭފަދަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ބަޔަކަށްވުން ކަމަށެވެ.
ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް އަހަރެއް ވެގެން ދިޔައިރު ވެސް ބާ އިމްތިހާނު ތައްޔާރުކޮށް، އެ އިމްތިހާނު ބާއްވާފައެއްނުވެ އެވެ.
އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން އިސްލާހު ގާނޫނަކަށްވެ އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހުންގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވާކުރެވިފައިނުވާ އެންމެހައި މީހުންނަށް ހާއްސަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި ކުރިއަށް ގެންދަން ޖެހެ އެވެ.
ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި 283 މީހަކު ތަމްރީން ފުރިހަމަ ކުރި ނަމަވެސް މިއަދު ހުވާކުރީ 277 މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު