މާލެ ސަރަހައްދުގައި ފަތިހު 4:00 އިން ރޭގަނޑު 11:00އާ ހަމައަށް އެއްގަމު އުޅަނދު ދުއްވޭ ގޮތަށް ލުއި ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރޭގަނޑު 8:00ގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ވަނީ މަނާކޮށްފައެވެ. އަދި މިމަހުގެ ތިންވަނަ ދުވަހު ރޭގަނޑު 10:00އާ ހަމައަށް އެއްގަމު އުޅަނދު ދުއްވޭ ގޮތަށް ވަނީ ލުއިދީފައެވެ. ނަމަވެސް ރޭގަނޑު 10:00 އިން ފަތިހު 5:00އަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ، މި ހިނދުން ފެށިގެން ފެށިގެން ވަކި ގޮތެއް އަންގަންދެން، މިމަހުގެ ތިންވަނަ ދުވަހު ނެރުނު އެންގުން ބާތިލުކޮށް، އޮގަސްޓް 24ގައި ނެރުނު އެންގުމުގެ ދެވަނަ ނަންބަރާއި ތިންވަނަ ނަންބަރަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބަދަލުގައި ބުނެފައިވާ ގޮތުގައި މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00އަށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެއެވެ.
އޭގެ އިތުރުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ފަތިހު 4:00 އިން ރޭގަނޑު 10:30އާ ހަމައަށް ދެވޭނެ ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ. ކުރިން ކެފޭ ރެސްޓޯރަންޓުތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ފަތިހު 5:00 އިން ރޭގަނޑު 9:30އާ ހަމައަށެވެ.
އެ އެންގުމުގައި ބުނީ އެ ފިޔަވަޅާއެކު އެޗްޕީއޭ އިން އޮގަސްޓް 24ގައި ނެރުނު އެންގުމުގައި ބުނެފައިވާ އެހެނިހެން ފިޔަވަޅުތަކާއި އިސްތިސްނާތައް އެގޮތަށް ދެމިއޮންނާނެ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު