ބެލްޖިއަމަށް ކުޅެނިކޮށް އަނިޔާވި މިޑްފީލްޑަރު ކެވިން ޑިބްރޭނާ މި ހަފުތާގައި މެންޗެސްޓާ ސިޓީން އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ ޑިބްރޭނާއަށް ވެފައި ވަނީ ސީރިއަސް އަނިޔާއެއް ނޫން ނަމަވެސް، ކުރިއަށް އޮތް މެޗުގައި އޭނާ ނުފެންނާނެ ކަމަށެވެ.
"ޑިބްރޭނާއަށް ވަނީ އަނިޔާވެފައި. (އިންޓަނޭޝަނަލް ބްރޭކަަށް ދިޔަ) އެހެން ކުޅުންތެރިން ޓީމަށް އައީ އަނިޔާއެއް ނެތި. ޑިބްރޭނާގެ އަނިޔާ ސީރިއަސް ކަމަކަށް ނުބެލެވޭ. އެކަމަކު ޖެހޭނީ ވާ ގޮތެއް ބަލަން. އާސެނަލްއާ ދެކޮޅަށް ނުފެންނާނެ ކަމަށް ބެލެވެނީ،" ގާޑިއޯލާ ބުނެފައިވެއެވެ.
ސިޓީން ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގެ ހަތަރު މެޗާއި ޗެމްޕިއަންސް ލީގުގެ ތިން މެޗު ކުޅުމަށް ތައްޔާރުވަމުން އަންނަ އިރު، މިވަގުތު އެންމެ ކުޅުންތެރިޔަކަށް އަނިޔާވުމަކީވެސް ގާޑިއޯލާއަށް މާޔޫސްކަން ކުރިމަތިކުރުވާނެ ކަމެކެވެ. ހާއްސަކޮށް ޑިބްރޭނާ ފަދަ މުހިއްމު ކުޅުންތެރިއަކަށް ބޮޑު އަނިޔާއެއް ވެއްޖެނަމަ ސިޓީއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިވެދާނެއެވެ.
ޑިބްރޭނާއަށް އަނިޔާވި ނަމަވެސް، މި ހަފުތާގައި ގާޑިއޯލާއަށް ވަނީ އުފާވެރި ހަބަރެއްވެސް ލިބިފައެވެ. މިދިޔަ ސީޒަނުގައި އަނިޔާވި އާޖެންޓީނާގެ 32 އަހަރުގެ ފޯވަޑް ސާޖިއޯ އަގުއޭރޯ މި ހަފުތާގައި ސިޓީގެ ޓީމާއެކު ފަރިތަކުރުންތަކަށް ނުކުމެފައިވެއެވެ. އާސެނަަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި އަގުއޭރޯ ހިމެނޭނެތޯ އެހުމުން ގާޑިއޯލާ ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. އަގުއޭރޯއަށް މިދިޔަ ޖޫން މަހުގައި އަނިޔާވެގެން އޭނާ ވަނީ ބާސެލޯނާއިން ހާއްސަ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މިދިޔަ ސީޒަންގެ ފަހު ބައިގައި އަގުއޭރޯ ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާގެ ރިކަވަރީ ވަނީ ހީކުރި ވަރަށްވުރެ ލަސްވެފައެވެ.
ސިޓީގެ ފޯވަޑް ގެބްރިއަލް ޖެސޫސްވެސް މިވަގުތު އަނިޔާގައި ހުރުމުން، ގާޑިއޯލާއަށް ވަނީ ފޯވަޑުންގެ މައްސަލަ ދިމާވެފައެވެ. ގާޑިއޯލާ ބުނީ ޖެސޫސްގެ އަނިޔާ ރަނގަޅުވާނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށާއި ރިސްކް ނަގައިގެން އަވަހަށް ދަނޑު މައްޗަށް ނެރެން ނުވިސްނާނެ ކަމަށެވެ.
ސިޓީގެ ގިނަ ކުޅުންތެރިންތަކެއް އިންޓަނޭޝަނަލް ބްރޭކްގައި ގިނަ މެޗުތަކެއް ކުޅެފައިވެއެވެ. ގާޑިއޯލާ ބުނީ ގައުމީ ޓީމަށް ކުޅޭ މެޗުތަކާ މެދު ޝަކުވާކުރަން ބޭނުން ނުވާ ކަމަށާއި ގައުމު ތަމްސީލުކޮށް މެޗުތައް ކުޅުމަކީ ކުޅުންތެރިންނަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ