ކްލަބު ވެލެންސިއާ

ގައުމީ ޓީމުގެ ކެޕްޓަން އަކޫ ވެލެންސިއާއަށް

ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން، އަކްރަމް އަބްދުލްޣަނީ (އަކޫ) ކްލަބު ވެލެންސިއާއާ ގުޅިއްޖެއެވެ.

މީގެ ކުރިން ތިން ފަހަރެއްގައި ވެލެންސިއާ ޖާޒީން ފެނުނު އަކޫ، މިފަހަރު ކްލަބަށް ދިޔައީ މިދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުމަށްފަހުއެވެ. 2006 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ އިތުރުން 2016 ވަނަ އަހަރުވެސް ވެލެންސިއާގެ ޖާޒީގައި ފެނުނު އަކޫ އަކީ ޑިފެންޑަރެއްގެ އިތުރުން މެދުތެރެއަށްވެސް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

ފަހުގެ ތާރީހުގައި ރާއްޖޭގެ ކްލަބު ފުޓުބޯޅައިގައި ފެނިގެންދިޔަ ވަރުގަދަ ހުރިހާ ކްލަބަކަށް ކަހަލަ ގޮތަކަށް ކުޅެފައިވާ އަކޫއަކީ ގައުމީ ޓީމުގައިވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް އުފުލައިލި ޓީމުގައިވެސް ހިމެނުނު އަކޫއަކީ 2018 ވަނަ އަހަރު އެ ތަށި އަލުން ރާއްޖެ ގެނައި ޓީމުގެ ކެޕްޓަނެވެ.

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދިޔަ ޓީމަށް ދިމާވި ތަފާތު ގޮންޖެހުންތަކާއެކު ޒުވާން ޓީމެއް ގޮވައިގެން ކުރިމަތިލި އެންމެ ސީނިއާ އެއް ކުޅުންތެރިޔަކީ އަކޫއެވެ. އޭނާގެ ލީޑާޝިޕް ދަނޑުމަތިންނާއި ދަނޑު ބޭރުންވެސް ފެނިގެންދިޔަ އިރު، އަކޫ އަބަދުވެސް ފާހަގަކުރެވިފައިވަނީ ޑިސިޕްލިން ރަނގަޅު ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ކެޕްޓަނެއްގެ ގޮތުގައި އަކޫ ފާހަގަކޮށްލެވޭ އިރު، އޭނާގެ ބޭބެ އައްސަދު އަބްދުލްޣަނީ އަކީ 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަނެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ކްލަބް ވެލެންސިއާ އިން ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުން އިތުރު ކުޅުންތެރިން ގެންދާނެ ކަމަށް ބެލެވެއެވެ. ވެލެންސިއާއާ ދެން ގުޅުނު ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ އެކި ލެވެލްތަކުގައި ތަމްރީނު ހަދައި، ހަތަރުވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސްއަށް ކުޅޭ ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު ހިމެނެއެވެ.

ވެލެންސިއާއިން މާދަމާ ތަމްރީނުތަކަށް ނުކުންނާނެ ކަމަށް ބެލެވެއެވެ. ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.