ހިނގާ މަގުތަކަށް ވެސް ހައްގުތަކެއް ކަނޑައެޅިގެންވާ ކަމަށާއި އެ ހައްގުތައް ރައްކާތެރިކުރެވޭނީ އެ މަގުމަތުގައި ހިނގާބިނގާވެ އުޅޭ މީހުންގެ އަމަލުތައް ބަހައްޓާ ގޮތަކުން ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އަހުލާގީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭ ކަމަށާއި މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭ އިރު މީސްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިގެން ކަމަށެވެ.

"އެހެންކަމުން ހިނގާ މަގުތަކަށް ވެސް ހައްގުތަކެއް ކަނޑައެޅިގެންވެއެވެ. އެ ހައްގުތައް ރައްކާތެރިކުރެވޭނީ އެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންގެ އަމަލުތައް ބަހައްޓާ ގޮތަކުންނެވެ. އަދި މަގުމަތީގެ އަދަބުތަކާއި ހައްގުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މަގުމަތީގައި ތިބޭއިރު، އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި، އެތަންތަނުގައި ހުރީ ކޮން އެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަހުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ބެލުންތައް ތިރިކުރުމަށް ކީރިތި ގުރުއާނުގައި އަމުރު ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި މިފަދަ ކަންތައްތައް ވެސް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.

"މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނެއެވެ. އެއީ ބުނާ ބަހަކުން ކަމުގައި ވިޔަސް، ކުރާ އަމަލަކުން ކަމުގައި ވިޔަސް، ކުރާ އިޝާރާތަކުން ނުވަތަ ބަލާބެލުމަކުން ކަމުގައި ވިޔަސް މެއެވެ. މަގުމަތީގެ ހައްގު އަދާކުރުމުގެ ތެރޭގައި ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުން ހިމެނެއެވެ. ހިނގާފައި ދާ މީހުންގެ ފަރާތުން އެހެން މީހުންނަށް ކުރާ ގޯނާ ހުއްޓުވުމާއި މާރާމާރީ ހިންގާ މީހުންގެ އަމަލުތައް ހުއްޓުވުން ހިމެނެއެވެ. އެފަދަ އަމަލުތައް ކުރާ މީހުންނަށް ނަސޭހަތްދީ، އެ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ނުކުރާ ނަމަ، ތިބާއަކީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރާ މީހަކަށް ނުވާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދު ފަހަރު ދުއްވުމުގައި އަމަލުކުރަން ޖެހޭ ގަވައިދުތަކަކީ މުޖުތަމައުގެ އެންމެހައި އަފްރާދުންގެ ލާބައާއި މަންފާއަށްޓަކައި ހެދިފައިވާ ގަވައިދުތަކެއް ކަމަށާއި އެ ގަވައިދުތަކަށް ތަބާވުން ވަނީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރުމުގެ ތެރެއިން ކަމަށެވެ.

"އެ ގަވައިދުތަކަށް ތަބާވުން ވަނީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރުމުގެ ތެރެއިންނެވެ. އެހެންކަމުން ކޮވިޑް 19ގެ މި ހާލަތުގައި އާންމުންގެ ސިއްހީ މަސްލަހަތަށް ރިއާޔަތްކޮށް، މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން، ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި މަނާކުރެވިފައިވީ ހިނދު، އެކަމަށް އިޖާބަދިނުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މަގުތައް ސާފުތާހިރުކޮށް ބޭއްވުން ހިމެނޭ ކަމަށާއި ގޯތިގެދޮރުގައި އުފެދޭ ކުނި، މަގުމައްޗަށް އުކާލާ މީހުން އުޅޭ ކަމަށެވެ. އަދި ބޭނުންކޮށްފައި ހުންނަ ޓީޝޫ އާއި ހުސްވެފައި ހުންނަ ފުޅި އާއި ދަޅު ފަދަ ތަކެތި މަގުމައްޗަށާއި ގޮނޑުދޮށަށް އުކާލުމާއި މަގުމައްޗާއި ގޮނޑުދޮށް ގޮނޑުވާ ފަދަ ތިމާވެއްޓަށް ގެއްލުން ހުރި އަމަލުތައް ކުރާތަން ފެންނަކަމީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.