ކުޅިވަރު

ރޮނާލްޑޯ ކަރަންޓީނު އުސޫލާ ހިލާފުވެއްޖެ؟

ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ކަރަންޓީނު އުސޫލުތަކާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތި ކޮށްފިއެވެ.

މީގެ ތިން ދުވަސްކުރިން ރޮނާލްޑޯ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވަނީ ގައުމީ ޓީމާއެކު މަސައްކަތް ކުރަމުން ދަނިކޮށެވެ. ޕޮޒިޓިވް ވުމާއެކު ރޮނާލްޑޯ އަމިއްލައަށް އެކަހެރިވެފައިވާއިރު، އޭނާ ވަނީ އަމިއްލަ ޖެޓުގައި އަނބުރާ އިޓަލީއަށް ގޮސް ކަރަންޓީނު ފުރިހަމަ ކުރަން ފަށާފައެވެ. ޕޯޗުގަލްގައި އެއް ދުވަސް މަޑުކުރުމަށްފަހު ރޮނާލްޑޯ އަނބުރާ އިޓަލީއަށް ދިޔަ ދިޔުމާއި ގުޅިގެން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވަނީ ސެރެއާ އޭގެ އޮފިޝަލުންނަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.

"ސިއްހީ އިދާރާތަކުގެ ލަފައެއް ނެތި، ކޮވިޑް ޖެހިފައިވާ މީހަކަށް ދަތުރުކޮށް، އިޓަލީއަށް އެރުމަކީ ހުއްދަ ކަމެއް ނޫން،" އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު، ވިންސެންޒޯ ޕަޑަފޯރާ ވިދާޅުވެފައި ވެއެވެ.

އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރަށް ޔުވެންޓަސްއިން ވަނީ ހާއްސަ ރައްދެއް ދީފައެވެ. ޖުމްލަ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯގެ ދިފާއުގައި ޔުވެންޓަސްއިން ބުނެފައި ވަނީ ރޮނާލްޑޯގެ ޖެޓް، ޕޯޗުގަލްއިން އިޓަލީއަށް ދަތުރުކުރީ ސިއްހީ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނަގައި، އެކަމަށް ފެހި ސިގްނަލް ލިބިގެން ކަމަށެވެ.

ޔުވެންޓަސްއިން އިތުރަށް ބުނެފައި ވަނީ ޕަޑަފޯރާއަށް ރޮނާލްޑޯގެ އައިސޮލޭޝަން ކަންކަން ހަމަޖެހިފައި އޮތްގޮތް ރަނގަޅަށް ސާފު ނުވެ އޮތް ކަމަށް ދެކޭ ކަމަށާއި، މިހާރު ކްލަބުން އުންމީދުކުރަނީ ރޮނާލްޑޯގެ ނެގެޓިވް ޓެސްޓަކަށް ކަމަށެވެ. ރޮނާލްޑޯއަށް ލީގުގެ ބައެއް މެޗުތައް ގެއްލޭނެކަން ޔަގީން ވެފައިވާއިރު، އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ މިމަހު 28 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯއަށް ކުޅެވޭނެތޯ ދެކެވެމުން އަންނަ ވާހަކައެވެ.

އެ މެޗަކީ ރޮނާލްޑޯއާއި ބާސާގެ ކެޕްޓަން ލިއޮނަލް މެސީގެ ބޮޑު ކުރިމަތިލުމެއްގެ ގޮތުގައި ސިފަކޮށްފައިވާ މެޗެކެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ އެ މެޗަށް ރޮނާލްޑޯ އެނބުރި އަންނާނެ ކަމަށް ބެލެވެއެވެ.

އިންޓަނޭޝަނަލް ބްރޭކްގެ ދެ މެޗެއް ކުޅުމަށްފަހު ރޮނާލްޑޯ އަނބުރާ އިޓަލީއަށް ދިޔައީ ސުވިޑެން މެޗުގެ ކުރިންނެވެ ޕޯޗުގަލްއިން އެ މެޗުން ފަސޭހަ ކަމާއެކު ކާމިޔާބުކުރި އިރު، މެޗުގެ އިތުރުން ގައުމީ ޓީމަށް ކުޅޭ މެޗުތައް މިހާރު ރޮނާލްޑޯއަށް ވަކިން ހާއްސަ އެވެ. މިހާތަނަށް ގައުމީ ޓީމަށް 101 ގޯލް ޖަހައިދީފައިވާ ރޮނާލްޑޯގެ އުންމީދަކީ އިރާނަށް ކުޅުނު އަލީ ދާއީގެ ރެކޯޑު މުގުރާލުމެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އަލީ ދާއީ އަތުގައި އޮތީ 109 ގޯލް ޖަހައިގެންނެވެ.