ވެކްސިން

ސިއްހަތު ރަނގަޅު ޒުވާނުންނަށް ކޮވިޑްގެ ވެކްސިން ލިބޭނީ 2022 ވަނަ އަހަރު: ޑަބްލިއުއެޗްއޯ

މުހައްމަދު އައުޒަމް

ސިއްހަތު ރަނގަޅު ޒުވާނުންނަށް ކޮވިޑްގެ ވެކްސިން ލިބޭނީ 2022 ވަނަ އަހަރު ކަމަށް ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓު ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައިންޓިސްޓު ސޯމްޔާ ސްވަމިނަތަން ބުނީ ވެކްސިން ދިނުމުގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ރިސްކު ބޮޑު މީހުންނަށް ކަމަށެވެ.

ސޯމްޔާ ވަނީ ވެކްސިންތަކުގެ މަސައްކަތް ބާރަށް ކުރިޔަށް ދިޔަ ކަމުގައިވިޔަސް ޓެސްޓުތައް ނިމި ގިނަ ބަޔަކަށް ވެކްސިން ލިބުމަށް އަދި ދުވަސް ނަގާނެކަން ފާހަގަކޮށްފައެވެ.

ޗައިނާއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ކޮވިޑާ ދެކޮޅަށް ވެކްސިން އެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ.

މިހާރު އެކި މަރުހަލާތަކުގައި 100 އަށްވުރެ ގިނަ ވެކްސިން ހުރި ނަމަވެސް، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ހުއްދަ ދީ ފާސްކޮށްގެން ދުނިޔޭގެ އާބާދީއަށް ދިނުން ހުއްދަ ކުރާ އެއްވެސް ވެކްސިނެއް އަދި ނެތެވެ. ދުނިޔޭގެ ބައެއް ގައުމު ތަކުގައި އެގައުމުތަކުން އުފެއްދި ވެކްސިން އަމިއްލަ ގައުމުގެ ރައްޔިތުންގެ ހަށިގަނޑަށް ޖެހުމުގެ ހުއްދަ ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ރަޝިއާ ހިމެނެ އެވެ.