ވިހި އަހަރު ނުވަތަ ތިރީސް އަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ވެހިކަލްތައް ނައްތާލުމުގެ ޕްރޮޖެކްޓެއް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ހެދުމުގެ އިތުރުން އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ، ރާއްޖެއަށް އެތެރެކޮށްފައި ހުރި ވެހިކަލްތަކުގެ ތެރެއިން މާލޭގައި މިވަގުތު 7،000 އަށްވުރެ ގިނަ ހަތަރު ފުރޮޅުލީ ވެހިކަލް ހިމެނޭ ކަމަށެވެ. އެހެންކަމުން މާލޭގެ އޭރިއާތަކަށް ބަލާއިރު، ކެރީން ކެޕޭސިޓީ ކަނޑައަޅައިފިނަމަ އަންނަ އަހަރުވެސް އެއްވެސް ވެހިކަލެއް އެތެރެ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމުގެ ޕްރޮޖެކްޓެއް އަންނަ އަހަރު ފަށާނެ ކަމަށާއި އެ ޕްރޮޖެކްޓް ނިމުމާއެކު ހައްލުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"30 ނުވަތަ 20 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިހުރި ވެހިކަލްތައް ނައްތާލުމުގެ ޕްރޮޖެކްޓެއް އަޅުގަނޑުމެން އަންނަ އަހަރު ތެރޭގައި އެބަ ފަށަން ފުލުހުންނާ ގުޅިގެން. އޭގެ ތެރޭގައި ގާތްގަނޑަކަށް 100 ވަރަކަށް ޓެކްސީ މިހާރު ވެސް އެބަހުރި އޭގެ ތެރޭގައި އުމުރު ހަމަވެފައި،" ޝިމާޒް ވިދާޅުވި އެވެ.
ޝިމާޒް ވިދާޅުވީ އެ ޓެކްސީތައް ގުޅިފައިވަނީ އެތައް ސަތޭކަ އާއިލާއަކަށް ލިބެމުން އަންނަ އާމްދަނީއަށް ކަމަށާއި އެކަމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން ލޯނު ސްކީމެއްގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ޓެކްސީ ދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ވެސް އަންނަ އަހަރު ތެރޭގައި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ކެރީން ކެޕޭސިޓީ ކަނޑައަޅާނީ މަގުތަކުގެ ސަރަހައްދުތަކަށް ބަލާފައި ކަމަށާއި މަލްޓި ސްޓޯރީ ޕާކިން އިމާރާތްތައް ގާއިމްކުރެވުމުން އަންނަ އަހަރު ވެހިކަލް އެތެރެ ކުރުމަށް އިތުރު ކޯޓާތައް ލިބިގެންދާނެ ކަމަށް ވެސް ޝިމާޒު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު