ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓްގެ މައްސަލައިގައި ގޭގައި މަޑުކުރަން އެންގި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޑެޕިއުޓީ ޗެއާ، ޑރ. ޝާހު މާހިރު އަނބުރާ އޮފީހަށް ނުކުތުމުގެ ހުއްދަ ރައީސް އޮފީހުން ދީފި އެވެ.

މިކަން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ރައީސް އޮފީހުން މިއަދު ޑރ. ޝާހަށް ފޮނުވި ސިޓީއެއްގައި، އޮފީހަށް ނުނިކުމެ މަޑު ކުރައްވަން ރައީސް އޮފީހުން އެންގި އެންގުން ބާތިލް ކޮށްފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ. އަދި މިއަދުން ފެށިގެން ޑރ. ޝާހުއަށް އޮފީހަށް ނިކުންނެވޭނެ ކަމަށް ހޫދު ވިދާޅުވިއެވެ.

މި ނިންމުމަކީ މި މައްސަލައިގައި އޭސީސީން ނެރުނު ރިޕޯޓުގައި ޑރ. ޝާހުގެ މައްސަލައެއް އޮތް ކަމަށް ފާހަގަ ކުރައްވާފައި ނުވާތީ ނިންމި ނިންމުމެއް ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ފާހަގަވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޑރ. ޝާހު ގޭގައި މަޑުކުރައްވަން އެންގެވީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.