ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ އުއްމީދު ގެއްލި ނުދާނެ ހުރިހާ ގޮތްތަކެއް ރާއްޖޭގެ ރައްޔިތުންނަށް، ހޯދައިދޭން މަސައްކަތް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި މޯލްޑިވްސް ތެލަސީމިޔާ ސޮސައިޓީ ގުޅިގެން ދިވެހިރާއްޖޭގައި ތެލެސީމިޔާ ކެއަރުގެ ހާލަތު ދިރާސާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ ތެލަސީމިޔާ ބަލީގެ ޝިކާރައަކަށްވީމާ "ވާގޮތް އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ގިނަ މީހުންނަށް އެނގޭ ވޭނެއް ނޫން، އަޅާ އަސަރެއްވެސް ނޫން، އަޅުގަނޑުމެންނަށް ހަމައެކަނި ދުރުން ފެންނަނީ،" ކަމަށެވެ.

އެހެން ނަމަވެސް އެކަމުގެ ހިތާމަ އާއި ވޭނާއި އަސަރާއި، ކިލަނބުކަން އެންމެ ބޮޑަށް އެނގިދަނީ، އެ އަޖަލުގައި، އެ އަނދިރީގައި، އެ ވޭނުގައި އުޅޭ މީހުންނަށާއި އުޅޭ އާއިލާތަަކަށް ކަމަވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، މި މަޖިލީހުގެ އަމާޒަކީ އިޖުތިމާއި ކޮމިޓީގެ ބޭނުމަކީ އަޅުގަނޑުމެންގެ އުއްމީދެއް ތިބޭފުޅުންނަށް ދިނުން. ރާއްޖޭގެ ރައްޔިތުންނަށް އުއްމީދު ގެއްލި ނުދާނެ ހުރިހާގޮތެއް ހޯދޭތޯ މަސައްކަތްކުރުން، ހާއްސަ ގޮތެއްގައި އެ އާއިލާތަކަށް ގޮތްތަކެއް ހޯދައިދިނުން އެއީ އަމާޒު، ބޭނުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.