ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތެވެ. އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ ވެސް 31 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 18،500 ކިއުބިކް މީޓަރުގެ ހާބަރު ބޭސިން ފުންކުރުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުން ހިމެނެ އެވެ.

އޭގެ އިތުރުން ރޭމްޕެއް ލުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރު ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީން ބުނީ، 49.6 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 10 2019 ގައި ކަމަށެވެ.