ސިފައިންގެ ޓްރޭނިންއެއް ހެދުމަށް ލ. ކައްދުއަށް ގޮސް ތިއްބައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 62 އަށް އަރައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ސިފައިންގެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 62 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ކޭސްތަކާ ގުޅިގެން 31 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ލާމުގައި ފެނުނު ކަލަސްޓާއާ ގުޅިގެން މިހާތަނަށް 62 މީހަކު ޕޮޒިޓިވްވެފައިވޭ. އިއްޔެ އެކަކު ރެކޯޑް ކުރެވިފައިވޭ އަދި މިއަދު އިތުރު ތިން މީހުން ޕޮޒިޓިވް ވެފައިވޭ. އެތަނުގައި 31 މީހުން ކަރަންޓީނުގައި އެބަތިބި" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކައްދޫގައި ޓްރޭނިންގައި ތިބި ސިފައިންގެ ތެރެއިން ބަޔަކު ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވީ 25 މީހެކެވެ. އަދި މިމަހުގެ އަށް ވަނަ ދުވަހު އިތުރު 24 ސިފައިންގެ މީހަކު ޕޮޒިޓިވްވި އެވެ.