ހުޅުމާލޭގައި ހުންނަ ފިޔަވަތިން ޕޮޒިޓިވްވި މީހުންގެ އަދަދު 36 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި 18 ކުއްޖަކު ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފިޔަވަތިން ޕޮޒިޓިވް ވެފައިވަނީ 18 މުވައްޒަފަކާއި 18 ކުއްޖަކު ކަމަށެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި 72 މީހެއް ފާހަގަކުރެވި، ކަރަންޓީނު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ކަރަންޓީނުގައި ތިބީ 19 މުވައްޒަފަކާއި 52 ކުއްޖެކެވެ.
ފިޔަވަތިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެތަނުގައި ކުޑަކުދިން ބެލެހެއްޓުމުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެއީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތަކެއް ހުރުމާއި ގުޅިގެން ސާމްޕަލް ނަގައި ޓެސްޓު ކުރުމުންނެވެ.
ފިޔަވަތިން އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެންނަން ފެށީ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. އަދި އެތަނުން ޕޮޒިޓިވްވި ކުދިންނާއި މުވައްޒަފުން މިހާރު ވަނީ ފެސިލިޓީތަކަށް ގެންގޮސްފައިވަ އެވެ.
ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވި ގޮތުގައި، ފިޔަވަތީގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކާ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.
ފިޔަވަތީގެ އިތުރުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ވެސް ދެ ކުއްޖަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އެ ދެ ކުދިންނަށް ކޮވިޑް ޖެހުނު ގޮތެއް އަދި ހޯދިފައިނުވާއިރު، އޭގެ ފަހުން އިތުރު ޕޮޒިޓިވް ކޭސްއެއް އެތަނުން ފެނިފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު