މާލޭގައި ވޭނަކާ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނެއްގެ ހާލު ސީރިއަސް ވެގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގީ މިއަދު އިރުއޮއްސި 6:08 ހާއިރު ބޮޑުތަކުރުފާނު މަގުން އާޓިފިސަލް ބީޗާވީ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުން އައި ވޭނެއް، ސައިކަލުގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުވި ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް އަނިޔާވެ، އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާގެ ހާލު ސީރިއަސްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެކްސިޑެންޓުވި ދެ އުޅަނދު ދުއްވަން ތިބީ ވެސް އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ދެ މީހުން ކަމަށެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.