ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފުލުހުން ފޮނުވައިފި އެވެ.
މިިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލު ކަމަށް ގެނައުމުންނެވެ.
ފުލުހުން ބުނީ އަލީ ވަހީދު މުއައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕީޖީ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް ލިޔެކިޔުންތައް އިސްލާހުކޮށް، މިދިޔަ ހަފްތާގެ ބުދަ ދުވަހު މައްސަލައިގެ ލިޔެކިޔުންތައް އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ޕީޖީއަށް ލިޔެކިޔުންތައް ފޮނުވީ އަލީ ވަހީދަށް ދައުވާ ކުރުމަށް އެދި އެވެ.
މި މައްސަލައިގައި ހެކި ހޯދުމަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ފުލުހުން ގެންގޮސްފައިވާއިރު އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި މައްސަލައިގައި 15 މީހެއްގެ ބަޔާން ވަނީ ނަގައިފަ އެވެ. އަދި މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ފުލުހަށް ހާޒިރުކޮށް، ބަޔާން ވަނީ ނަގައިފަ އެވެ.
ފުލުހުންނަށް ބަޔާން ދިނުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލީ ވަހީދު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފިނަމަ ކުށެއް ނެތްކަން ސާބިތުވެގެންދާނެ ކަމަށާއި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު