ރޭ ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދި ހެޓްރިކާއެކު ޕީއެސްޖީގެ ތަރި ނޭމާ، ބްރެޒިލްގެ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފިއެވެ.

ނޭމާ ރޭ ކުޅުނު މެޗުގައި ޖެހި ތިންވަނަ ގޯލަކީ ގައުމީ ޓީމަށް އޭނާ ޖެހި 64 ގޯލެވެ. ނޭމާ އެ އަދަދަށް ގޯލް ޖަހާފައި ވަނީ 103 މެޗު ކުޅެގެންނެވެ. ރޭގެ މެޗުގެ ކުރިން ދެވަނަގައި އޮތް ލެޖެންޑް، ރޮނާލްޑޯ ކުޅުނު 98 މެޗުން އޭނާ ޖަހާފައި ވަނީ 62 ގޯލެވެ. ރޮނާލްޑޯ ވަނީ 17 އަހަރު ދުވަހު ގައުމީ ޓީމަށް ކުޅެ، ކޮޕާ އެމެރިކާގެ އިތުރުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

އުމުރުން 28 އަހަރުގެ ނޭމާއަށްވުރެ ގިނައިން ބްރެޒިލަށް ގޯލް ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ޕެލޭއެވެ. ޕެލޭ ވަނީ ގައުމީ ޓީމަށް 77 ގޯލް ޖަހައިދީފައެވެ. ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުޅި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު ތިން ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލްގެ އިތުރުން ނޭމާއަށް އިތުރު ކާމިޔާބީއެއް އަދި ހޯދިފައެއް ނުވެއެވެ. ބްރެޒިލުން އެންމެފަހުން ކޮޕާ އެމެރިކާ ކާމިޔާބުކުރި ސްކޮޑުގައި ނޭމާ ނުހިމެނެއެވެ. އޭރު ނޭމާ ހުރީ ފައިގެ ކުޑަހުޅުގެ އަނިޔާއެއްގައެވެ.

ނޭމާގެ ކާމިޔާބީއާ ގުޅިގެން ލެޖެންޑަރީ ގޯލްކީޕަރު ޓަފަރެލް ބުނެފައި ވަނީ ނޭމާއަކީ ގައުމާއެކު ވޯލްޑް ކަޕް ކާމިޔާބުކުރެވޭނެ ފެންވަރުގެ ތަރިއެއް ކަމަށެވެ. އަދި ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ނަމަ، ނޭމާއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުން ގާތް ކަމަށްވެސް ޓަފަރެލް ބުނެފައި ވެއެވެ.

އަނިޔާގެ އެކި މައްސަލަތަކާއެކު ނޭމާއަށް ވަނީ ބްރެޒިލްގެ ގިނަ މެޗުތަކެއް ގެއްލިފައެވެ. 11 މަހަށްފަހު ނޭމާ ކުޅުނު ފުރަތަމަ މެޗުގައި ބޮލިވީއާ ކޮޅަށް ބްރެޒިލުން ފަސް ގޯލް ޖެހިއިރު، ބްރެޒިލުން ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ.

ބްރެޒިލުން 4-2 ގެ ނަތީޖާއަކުން ރޭ ޕެރޫ ބަލިކުރީ ނޭމާ ގެ ތިން ގޯލްގެ އިތުރުން ރިޗާލްސަންގެ ގޯލާއެކުގައެވެ. މެޗުގައި ޕެރޫގެ ދެ ކުޅުންތެރިންނަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ. ފަހު ފަސް މިނެޓް ތެރޭގައި ރަތް ކާޑު ދެއްކީ ކާލޮސް ކަސޭޑާ އާއި ކާލޮސް ޒަމްބްރާނޯއެވެ.