ހުޅުމާލޭ ފަޅުގައި އޮތް ދޯނިން މިދިޔަ ހޯމަ ދުވަހު 130 ކިލޯގެ މަސްތުވާ ތަކެތި ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި 7 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް، ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.

މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ފެނިފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ ދޯނި ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މި އޮޕަރޭޝަނާއި ގުޅިގެން މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް، ވަގުތީ ބަރުދަނުގައި 130 ކިލޯ ހުރި މަސްތުވާތަކެތި ހޯދާފައިވާއިރު، މި ތަކެތީގެ ތެރޭގައި ހިމެނެނީ މެޓައެމްފިޓަމިން އާއި ހެރޮއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 25 އަހަރާއި 48 އަހަރާ ދެމެދުގެ ހަ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހަތް މީހުންގެ ތެރެއިން މި ތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރީ ގއ. ވިލިނގިލި, ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި, ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ދެމީހުންގެ ތެރެއިން ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލައިފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައި ވެއެވެ. އަދި ޝަހީބް އިބްރާހީމްގެ ބަންދަށް 15 ދުވަސް، އަހުމަދު މޫސާގެ ބަންދަށް ފަސް ދުވަސް އަދި ބާކީ ތިބި ހަތަރު މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.