މަނީލޯންޑާ ކުރުމުގެ މައްސަލައިގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް، އެންމެބޮޑަށް އެދިވަޑައިގަންނަވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނެވުމަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ޖޭއެސްސީން އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ގޮވާލެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވައިގެން އެއްވެސް ފަރުދަކަށް ލިބޭނެ އިންސާފެއް ނޯންނާނެ ކަމަށެވެ.

ސައީދުގެ ވާހަކައަށް، ރިޔާސަތުގައި އިންނަވައި ރައްދު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު ޖޭއެސްސީގައި އިންނެވުމަކީ ރައީސް ޔާމީނަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިންސާފުވެރިކަމާއެކު ރާއްޖޭގައި ޝަރީއަތްތައް ނުކުރެވޭ ނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން ބޮޑުވާނެ ކަމަށާއި، އެކަން އެންމެ ގާތުން ތަޖުރިބާކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ އިންސާފު ނެތުމުން އެމަނިކުފާނު އެކަން ތަޖުރިބާ ކުރެއްވީ، އެންމެ ފަހަރަކު ދެ ފަހަރަކު ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިން ރައީސްކަން ކުރައްވާއިވާ ބޭފުޅުން ގޯސްކޮށް ކަމެއް ކޮށްފައި ވާނަމަ އެބޭފުޅަކަށް އަދަބު ލިބެން ޖެހޭނެކަން ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. ޝަރުއީ ނިޒާމުގެ ތެރެއިން އެކަން އެގޮތަށް ހަމަޖެހިފައި އޮންނަން ވާނެ ކަމަށާއި، އެމަނިކުފާނު ޖޭއެސްސީގައި އިށީނދެވަޑައިގެން މަސައްކަތް ކުރައްވާނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއި އިހުލާސްތެރިކަމާއި މަދަދުވެރިކަމާ އެކީގައި ކަމަށްވެސް ވިދާޅުވިއެވެ.

އެކަން ކުރައްވާނީ އަނިޔާވެރިކަން ކުޑަކޮށްވެސް އިސްނުކޮށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.