މޫދަށްވުރެ 3650 މީޓަރު އުހުގައި ކުޅެން ޖެހުނު އުނދަގޫ މެޗުން އާޖެންޓީނާ މޮޅުވެއްޖެއެވެ.

ބޮލިވީއާ ދެކޮޅަށް އެގައުމުގެ ލަ ޕަޒްގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗު ކުޅެން ޖެހުނީ އެތައް މީޓަރެއް އުހުގައި ކަމަށްވުމުން ނޭވާލުމުގައި އާޖެންޓީނާގެ ކުުޅުންތެރިންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނުތަން މެޗުގައި ފެނިފައި ވެއެވެ. އޭގެ އިތުރުން ބޮލީވިއާގެ ދަނޑުގެ ވިނަ ގަނޑުވެސް ފެނުނީ ވަރަށް ދަށް ހާލަތުގައި އޮތް ތަނެވެ. ބޯޅަ ރަނގަޅަށް ތިރިން ޕާސްކުރުމަށް އާޖެންޓީނާއަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި މާސެލޯ މޮރޭނޯގެ ގޯލާއެކު ބޮލީވިއާއިން ލީޑު ނެގިއެވެ. އެ ލީޑު އާޖެންޓީނާއިން ދުއްވާލީ ހާފު ނިމުމުގެ ކުރިން އިންޓަ މިލާންގެ ފޯވަޑް ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. މާޓިނޭޒް ވެފައި ވަނީ 2016 ވަނަ އަހަރަށްފަހު އާޖެންޓީނާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މެސީ ފިޔަވައި ދެން ގޯލެއް ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

ދެވަނަ ހާފުވެސް މަޑު ސްޕީޑެއްގައި ފެނިގެން ދިޔައިރު، ހާފްގެ ފުރަތަމަ ފުރުސަތު ފަހިކުރީ މެސީއެވެ. އަރިމަތިން ވަދެ މާޓިނޭޒްއަށް ދިން ބޯޅަ އޭނާ ރަނގަޅަށް ޖެހި ނަމަވެސް މަތަކުރީ ގޯލްކީޕަރެވެ. އާޖެންޓީނާ މޮޅުވި ގޯލަކީ 79 ވަނަ މިނެޓުގައި ޖޯކީން ކޮރޭއޯ ޖެހި ގޯލުންނެވެ. ކޮރޭއޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޖެހި ގޯލަށް ފުރުސަތު ފަހިކޮށްދިނީ ފުރަތަމަ ގޯލް ޖެހި މާޓިނޭޒްއެވެ.

ރޭގެ މޮޅަކީ 15 އަހަަރަށްފަހު އާޖެންޓީނާއިން ބޮލީވިއާގައި މޮޅުވި ފުރަތަމަ ފަހަރެވެ. މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިންވަނީ ވަރަށް ބޮޑަށް އުފާވެސް ފާޅުކޮށްފައެވެ. މިހާތަނަށް ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އާޖެންޓީނާއިން ކުޅުނު ދެ މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ.