ކުޅިވަރު

ވާނާ އާއި ކައިގެ ގޯލްތަކުން ޖަރުމަނަށް ޕޮއިންޓެއް

ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ދެ ތަރިން ކަމަށްވާ ކައި ހަވާޓްސް އަދި ޓީމޯ ވާނާ ޖެހި ގޯލްތަކާއެކު ޖަރުމަނުން ސްވިޒަލޭންޑް އަތުން ޕޮއިންޓެއް ހޯދައިފިއެވެ.

ޖަރުމަނުގައި ރޭ ކުޅުނު މެޗު 3-3 އިން އެއްވަރު ވެގެން ނިމުނުއިރު، މެޗުގައި ކައި އަދި ވާނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ޖަރުމަނުގެ މައްސަލަތައް ފާހަގަ ކުރެވުނީ ފަހަތުންނެވެ. ޖަރުމަނު ކޮޅަށް މެޗުގައި ވަނީ ފަސޭހަ ގޯލްތަކެއް ވަދެފައެވެ. ސްވިޒަލޭންޑްގެ ޑިފެންޑަރު ފަބިއަން ޝާއަށް މެޗުގެ ފަހު ވަގުތުގައި ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ.

ރޭގެ މެޗަށް ނުކުތްއިރު ސްވިޒަލޭންޑަށް މުހިއްމުވެފައި އޮތީ މޮޅެކެވެ. އެއީ މިހާތަނަށް ކުޅުނު ގްރޫޕް އޭ4 ގެ އެއްވެސް މެޗަކުން މޮޅެއް ނުހޯދި އޮތުމުން ގްރޫޕް ބީއަށް ރެލިގޭޓް ވުމުން ސަލާމަތްވުމަށެވެ. އެޓީމަށް އެކަން ހާސިލު ނުވެ، މިވަގުތުވެސް އޮތީ ދެ ޕޮއިންޓާއެކު ތާވަލަގެ ފުލުގައެވެ. ޖަރުމަނުން ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ސްޕެއިންއަށްވުރެ ޕޮއިންޓެއް މަދުކޮށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލޭންޑުން ދެ ގޯލް ޖެހިއެވެ. މާރިއޯ ގަވްރަނޮވިޗްއާއި ރެމޯ ފްރިއުލާގެ ގޯލުން ސްވިޒަލޭންޑް ލީޑު ކުރަމުން އަންނަނިކޮށް، ޖަރުމަނަށް އުންމީދު ގެނެސްދިނީ ހާފު ނިމުމުގެ ކުރިން ވާނާ ޖަހައިދިން ގޯލުންނެވެ. ވާނާގެ ގޯލަށް ފުރުސަތު ފަހިކޮށްދިނީ ކައިއެވެ.

ދެވަނަ ހާފަށް ނުކުމެ ކައި ވަނީ ހިތްގައިމު ގޯލަކާއެކު ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެހެންނަމަވެސް ޖަރުމަނަށް މާ ގިނައިރަކު ނުހިފެހެއްޓުނެވެ. މިނެޓެއް ނުވެ އަނެއްކޮޅުން މެނުއަލް ނޯޔާގެ ގޯހަކުން ތިންވަނަ ގޯލެއް ވަނެވެ. އެ ގޯލްވެސް ޖެހީ ފުރަތަމަ ގޯލް ޖެހި ގަވްރަނިޗެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމަށް ބަދަލުތަކެއް ގެނެސް، ޓީމު އަލުން ބިނާކުރުމުގެ މަސައްކަތް ކޯޗު ޔޮކިމް ލޯ ފަށާފައިވާއިރު، އެޓީމަށް ރޭގެ މެޗުން ޕޮއިންޓެއް ހޯދައިދިނީ ސާޖް ނަބެރީގެ ގޯލުންނެވެ. އެ ގޯލަކީ ވާނާގެ ހުރަހަކުން، ނަބެރީ ފައިގެ ފުންނާބުން ވައްދާލި ހިތްގައިމު ގޯލެކެވެ.

ރޭގެ މެޗާއެކު ޖަރުމަނު ޖާޒީގައި 100 މެޗު ކުޅުނު 12 ވަނަ ކުޅުންތެރިޔާގެ ޝަރަފު ޓޯނީ ކްރޫސްއަށް ވަނީ ލިބިފައެވެ. ކުރީ ހަފްތާ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗަށް ޖަރުމަނުގެ 300 ސަޕޯޓަރުން ވެއްދިނަމަވެސް، މެޗު ކުޅުނު ސިޓީގައި ކޮވިޑް 19 ފެތުރުން އިތުރުވެފައިވާތީ ރޭގެ މެޗަށް ސަޕޯޓަރުން ވައްދައިފައެއް ނުވެއެވެ.