ކުޅިވަރު

ޔުކުރެއިން އަތްދަށުވެ ސްޕެއިންއަށް ލަދުވެތި ބައްޔެއް

ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ4ގައި ރޭ ސްޕެއިން ކުޅުނު މެޗުގައި ޔުކުރެއިން އަތްދަށު ވެއްޖެއެވެ.

ސްޕެއިން އިން ޔުކުރެއިންގެ ކިއޭވްގައި އެގައުމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ ގަބޫލުކުރަންވެސް އުނދަގޫ ނަތީޖާއެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. މެޗުގައި ސްޕެއިންއިން ވަރުގަދައަށް ކުޅުނު ނަމަވެސް ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

ރޭގެ ބައްޔަކީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގައި ލީޑްސްގެ ފޯވަޑް ރޮޑްރީގެ ގިނަ ހަމަލާތަކެއް ފެނުނެވެ. ބޮލުން ޖެހި ބޯޅައެއް ޔުކްރެއިންގެ ގޯލްކީޕަރު ޖިއޯޖީ ބުޝްޗަން މަތަކޮށްފައިވާއިރު، ސްޕެއިންއިން ވަނީ ޖުމްލަ 21 ޝޮޓް ޔުކުރެއިން ގޯލަށް ހަދާފައެވެ.

އަށްވަރަކަށް މުހިއްމު ސޭވް ޔުކުރެއިންގެ ގޯލްކީޕަރުގެ ފަރާތުން ފެނިފައި ވެއެވެ. އަންދްރޭ ސެވްޗެންކޯގެ ޓީމަށް ސްޕެއިންގެ ގޯލް ހުޅުވާލަން ބޭނުންވީ އެންމެ ފުރުސަތެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ވިކްޓާ ސުގަންކޯވްގެ ގޯލާއެކު ދަނޑަށް ވަދެތިބި 15،000 ސަޕޯޓަރުންގެ އަޑު ގުގުމާލިއެވެ.

ސްޕެއިން އެންމެ ފަހުން ބަލިވެފައި ވަނީ 2018 ވަނަ އަހަރު ކްރޮއޭޝިއާ އަތުންނެވެ. އެ މެޗުން ސްޕެއިން ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ކުޅެފައި ވަނީ ސްޕެއިންއިން 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޓޭޑިއަމްގައެވެ.

ނޭޝަންސް ލީގުގުގެ ގްރޫޕް އޭ4 ގައި ސްޕެއިން އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ޖަރުމަނަށްވުރެ ޕޮއިންޓެއް ކުރީގައެވެ. ޔުކުރެއިންއަށްވެސް ޖަރުމަނާ އެއްވަރަށް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތީ ގޯލް ތަފާތުންނެވެ. ސްޕެއިންއަށް ހަތަރު މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.