ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ސިއްހަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހއ. އަތޮޅުގެ ތިން ރަށަަކަށް ގަސް ހަދިޔާކުރަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަން އެންޑް އެގްރިކަލްޗާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕްރޮގްރާމަކީ ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ޔަގީންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައަކުން އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ގަސް ހަދިޔާކުރާނީ، ހއ. އުލިގަން، ވަށަފަރު އަދި މޮޅަދޫއަށެވެ. މި ޕްރޮގްރާމްގެ ދަށުން އެރަށްތަކުގެ ގޭބިސީތަކާއި ހުސްބިންތަކުގައި ގަސް އިންދާނެއެވެ.
މިނިސްޓްރީން ބުނީ، އެ ތިން ރަށަށް ގަސް ހަދިޔާކުރާނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ކަމަށެވެ. ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15ވަނަ ދުވަހެވެ.
މިނިސްޓްރީން ބުނީ، އެ ތިން ރަށަށް ހަދިޔާކުރުމަށް ހަމަޖައްސާފައިވާ ގަސްތަކުގެ ތެރޭގައި ހިމެނެނީ، ބަނބުކެޔޮ، މުރަނގަ، ޖަނބުރޯލު، ދޮންކެޔޮ އަދި އަލަ ކަހަލަ ބާވަތްތައް ކަމަށެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ގަސް އުފައްދާފައިވަނީ އެ މިނިސްޓްރީން ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ އެގްރިކަލްޗާ ސެންޓަރުގައެވެ. އެ ސެންޓަރަކީ ދަނޑުވެރިކަމާ ބެހޭ ދިރާސާތަކާއި ތަމްރީންތައް ދިނުމަށް ގާއިމްކޮށްފައިވާ ސެންޓަރެކެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ހައްދާ ސިއްހަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމަކީ، ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްްޖެނަމަ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.