ދޯނިފަހަރުގައި ލޮނުން އައިސް ތައްޔާރުކުރެވޭ އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރަން މިހާތަނަށް 51 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އާރުއެސްޑަބްލިޔު ފައިނޭންސިން ސްކީމަށް ހުޅުވާލުމުން 90 ފަރާތަކުން ލޯނަށް ކުރިމަތިލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 45 ފަރާތެއްގެ އެޕްލިކޭޝަން ޕްރޮސެސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އެފަރާތްތަކަށް ފައިސާ ދޫކުރަމުން މިދަނީ މިހާތަނަށް ގާތްގަނޑަކަށް 51 މިލިއަނަށްވުރެ ގިނަ ރުފިޔާ މިދެންނެވި ފަރާތްތަކަށް މިވަނީ މި ފެސިލިޓީ ތެރެއިން ދޫކުރެވިފައި،"

މިނިސްޓަރު ވިދާޅުވީ އެ އެސިސްޓަމް ހަރުކުރުމުން މަސްވެރިން އައިސް އެޅުމަށް ކުރާ ހޭދަ ކުޑަކުރެވި ޖީބަށް ވަންނަ ފައިސާގެ އަދަދު އިތުރުވާނެ ކަމަށެވެ.

މިހާރު އޮތް މަސްވެރި ފްލީޓުގައި، އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.